މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ ފިޠުރު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ބަހައި ނިންމައިފިއެވެ. މިއަހަރު ބޮލަކަށް 6،000 ރުފިޔާ ޖެހިފައިވާއިރު، މިއީ ރާއްޖޭގައި ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި ބޮލަކަށް މިހާތަނަށް އެންމެ ބޮޑު އަދަދެއް ލިބުނު ފަހަރެވެ.
ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ޒަކާތް ބަހާފައިވާއިރު، އޭގެ ތެރޭގައި ޙައްޤުވެރިންގެ ކެޓަގަރީގައި ހިމެނޭ 62 ފަޤީރު ޔަތީމު ކުދިންވެސް ހިމެނެއެވެ. މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރުވެސްމެއެވެ. އެގޮތުން ޖުމުލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، އޭގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ 13،896،000 ރުފިޔާއެވެ.
މިއަހަރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާންމުންނަށް ވަރަށް ފަސޭހަވާނެހެން ޑިޖިޓަލް ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން 7 އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްފައިވާއިރު، އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާ ބަލައިގަނެވޭނެ ޚާއްޞަ ޕޯޓަލެއްވެސް ޒަކާތު ހައުސްއިން ތަޢާރަފުކުރިއެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގައި އިސްލާމީ މަރުކަޒު މެދުވެރިކޮށް ނަގުދު ފައިސާއާއި ކޭޝްކާޑުން، އަދި ގޮވާމުންވެސް ޒަކާތް ބަލައިގަނެފައިވެއެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދޭގޮތުގައި، މި ޒަމާނީ ޑިޖިޓަލް ނިޒާމުގެ ސަބަބުން ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދިޔައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖޭގައި ތިބި ފަޤީރުންނާއި މިސްކީނުންނަށް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދިޔަ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ