މިއަހަރުގެ ފިޠުރު އީދު ނަމާދުވެސް މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިމުގައެވެ. ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް އީދު ނަމާދުކުރާނެއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މައިދާންތަކުގައި ނަމާދު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދުކުރާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 7:00 އެވެ. ކުރިން 7:30 ގައި ނަމާދުކުރި ނަމަވެސް އެ ގަޑި އަވަސްކުރީ، ބޮޑު ޖަމާއަތުގައި ނަމާދުކުރާއިރު އަތްވާއި ހޫނުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެދާނެ އުނދަގޫތަކަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ގިނަ ބަޔަކު އެއްވާތީ، މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލުގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ. ޚާއްސަކޮށް އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތް އަދި ސްޓޭޑިއަމް ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނާނެއެވެ. އަދި އީދު ވިލޭރޭގެ 15:00 ގެ ކުރިން ޕާކުކުރުން މަނާ ސަރަހައްދުތަކުން އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ. މިއީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އީދު ނަމާދުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ގެންދިއުމަށް އެޅި ފިޔަވަޅެއްކަމަށް ފުލުހުން ބުނެއެވެ.
ރަމަޟާން މަހަށްފަހު އަންނަ ފިޠުރު އީދަކީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އުފާވެރިކަން ފާޅުކުރާ މުހިންމު ދުވަހަކަށްވާއިރު، ހުސްބިންތަކުގައި ބޮޑު ޖަމާއަތް ހަދައިގެން ނަމާދުކުރުމަކީ މުޖުތަމައުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަމެކެވެ. މުޅި އުންމަތް އެއް ސަފެއްގައި ތިބެ މާތްﷲ އަށް ޝުކުރުވެރިވުމަކީ އީދުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ. ރާއްޖޭގައިވެސް ކޮންމެ އަހަރަކު މި އިންތިޒާމުތައް ވަރަށް ކުލަގަދަކޮށް އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ