ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އިއުލާނުކުރި މި މަޝްރޫއަށް ކުރިން ޕްރޮޕޯޒަލް ހުށަހަޅަން އޮތީ މި މަހުގެ 23 ގެ ނިޔަލަށެވެ. ނަމަވެސް އިއުލާނަށް ގެނައި ބަދަލާއެކު، މިހާރު މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 13:00 އާ ހަމައަށް ޕްރޮޕޯޒަލްތައް ހުށަހެޅޭނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ފޮނުވަންޖެހެނީ އެކަމަށް ޚާއްސަކޮށްފައިވާ އީމެއިލް، [email protected] އަށެވެ. މީގެ އިތުރުން، އިއުލާނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެންމެ ކުޑަވެގެން 950 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓުތަކާއި، 700 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތަކެކެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން އަންނަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ ޖަނަވަރީ މަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން 3،000 ފުލެޓު އެޅުމަށް ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.
ކޮމެންޓު ފޮނުވާ