ޖަނަވާރުންނަށް އަނިޔާކުރާ ފަރާތްތަކަށް ޖަލު އަދަބާއި ބޮޑެތި ޖޫރިމަނާތަކެއް!

ޖަނަވާރުންނަށް އަނިޔާކުރާ ފަރާތްތަކަށް ޖަލު އަދަބާއި ބޮޑެތި ޖޫރިމަނާތަކެއް!

Author
ހުސައިން
16 މާރޗް 2026 12:30
0

ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، އަނިޔާކުރާ މީހުންނަށް ޖަލަށްލުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން އިންޒާރު ދީފިއެވެ.

މިފަދަ އިންޒާރެއް މިނިސްޓްރީން ދީފައިމިވަނީ، ހއ. ހޯރަފުށީގައި ބުޅަލެއް ދަންޖައްސައި މަރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ދާ ދަނޑިވަޅެއްގައެވެ. ފަހަކަށް އައިސް ޖަނަވާރުންނަށް ހާނިއްކަކުރުމާއި، މަރާލުމުގެ އިތުރުން މަގުމައްޗަށް ދޫކޮށްލާކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދާދިފަހުން އަމަލުކުރަން ފެށި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން، ޖަނަވާރުންނަށް އަނިޔާކުރުމަކީ ބޮޑު ކުށެކެވެ. މި ގާނޫނުގެ ދަށުން ޖަނަވާރުންނަށް އިހާނެތި އަމަލެއް ހިންގައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަންވެސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން، ހައިހޫނުކަމާއި ބިރުވެރިކަމުން މިންޖުވުމާއި، އަނިޔާއާއި ބަލިތަކުން ސަލާމަތްވުން އަދި އާދަވެގެން އުޅޭ އުޅުމަށް ހުރަސްނޭޅުން ފަދަ އަސާސީ ހައްގުތައް ކޮންމެ ޖަނަވާރަކަށްމެ ލިބިގެންވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޖަނަވާރުންނަކީވެސް ވޭނާއި ތަދު އަދި ބިރުވެރިކަން އިހުސާސްކުރެވޭ ދިރޭ މަހުލޫގުތަކަކަށް ވާއިރު، އެތަކެއްޗަށް އޯގާތެރިވުމަކީ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. އެހެންކަމުން، އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ އަދި ގާނޫނީ ގޮތުންވެސް ޖަނަވާރުންނަށް ރައްކާތެރިކަން ދިނުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.