މަސްތުވާތަކެއްޗާއެކު އަތުލައިގަތް މެލޭޝިޔާ މީހާ: "ފޮށި ދިނީ ރައްޓެއްސެއް، އައީ 3 ދުވަހަށް"

މަސްތުވާތަކެއްޗާއެކު އަތުލައިގަތް މެލޭޝިޔާ މީހާ: "ފޮށި ދިނީ ރައްޓެއްސެއް، އައީ 3 ދުވަހަށް"

Author
ހުސައިން
15 މާރޗް 2026 11:33
0

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި މެލޭޝިޔާގެ އަންހެން މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް އޭނާ ކޯޓުގައި ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި 38 އަހަރުގެ ރަންޖިނި ޖީވަނަންތަންގެ އިތުރުން، މި ނެޓްވޯކާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ވެސް ވަނީ މާލެއިން ހައްޔަރުކޮށްފައެވެ. އެއީ ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) އާއި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މެލޭޝިޔާ އަންހެން މީހާގެ ބަންދަށް ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 20 ދުވަސް ޖަހާފައެވެ. މިއަދުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ ރާއްޖެއަށް އައީ ރައްޓެއްސަކު ދިން އޮފާއެއްގައި އެންމެ ތިން ދުވަހުގެ މުއްދަތަށެވެ.

އޭނާ ކޯޓުގައި ބުނެފައިވަނީ އޭނާގެ އަތުން ފެނުނު ފޮއްޓަކީ އެ ރައްޓެހި މީހާ ދިން ފޮއްޓެއް ކަމަށާއި، މާލެއިން އެ ފޮއްޓާ އެހެން މީހަކު ހަވާލުވާނެކަމަށް އަންގާފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.