ފ. ނިލަންދޫގައި ސަރުކާރުން ބިނާކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ގާތްގަނޑަކަށް 75 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ނިމޭނެކަމަށް ލަފާކުރެވޭ މި ކާރުޚާނާ ޤާއިމްކޮށް ނިމުމުން، ދުވާލަކު 50 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. އަދި އޭގެ އިތުރުން 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް އެ ރަށުގައި ޤާއިމްކުރެވޭނެއެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ 4.5 ބިލިއަން ރުފިޔާގެ (290 މިލިއަން ޑޮލަރު) ބިޔަ އިންވެސްޓްމަންޓުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. މި އިންވެސްޓްމަންޓުގެ ދަށުން ފެލިވަރު ކާރުޚާނާ އިތުރަށް ތަރައްޤީކުރުމާއި، ގދ. ފިޔޯރީގައިވެސް އައު ކާރުޚާނާއެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖެއިން ބާނާ މަހުގެ 65 އިންސައްތަ ރޯމަހުގެ ގޮތުގައި މިހާރު ބޭރުކުރަންޖެހެނީ އެކަށީގެންވާ ސްޓޯރޭޖް ނެތުމުގެ ސަބަބުންނެވެ. އަދި މިއީ މަހަށް އެކްސްޕޯޓް މާކެޓުގައި އެންމެ ރަނގަޅު އަގު ނުލިބޭ މައިގަނޑު ސަބަބެވެ. ނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ މި އައު މަޝްރޫޢުތަކާއެކު، ރާއްޖޭގައި ބާނާ މަހުގެ 90 އިންސައްތަ ރާއްޖޭގައި ޕްރޮސެސްކޮށް، މަސްވެރިކަމުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ