ރާއްޖޭގައި ކައްކާ ގޭހުގެ ޑިމާންޑު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގޭހުގެ އިތުރު ޝިޕްމަންޓެއް ކުރިއަށް އޮތް ހުކުރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ މޯލްޑިވް ގޭހުން މިހާރު ގޭސް ވިއްކަމުންދަނީ ކޮންޓްރޯލް ކޮށްގެން ކަމަށް އާންމުންގެ ތެރޭގައި ވާހަކަ ދެކެވެމުންދާތީ، އެސްޓީއޯއިން ވަނީ އެކަން ސާފުކޮށްދީފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ގޭސް ވިއްކުން ވަގުތީގޮތުން ލިމިޓްކުރަން ޖެހުނީ މި ދުވަސްވަރު ގޭހަށް އޮތް ޑިމާންޑު އާދަޔާޚިލާފަށް ބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް ހުކުރު ދުވަހު އަންނަ އާ ޝިޕްމަންޓާއެކު މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ސަރަހައްދުގެ ބައެއް ގައުމުތަކަށް ގޭހުގެ ދަތިކަން ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް އެފަދަ ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި ރައްޔިތުންނަށް ދަތިކަމެއް ނެތި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ