ހަރަދު ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކަކަށް ނަޝީދު ގޮވާލައްވައިފި

ހަރަދު ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކަކަށް ނަޝީދު ގޮވާލައްވައިފި

Author
ހުސައިން
14 މާރޗް 2026 10:12
0

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖެ ތެލަށް ޖެހިދާނެކަމުގެ ބިރު އޮތުމުން، ތެޔޮ އިގްތިސާދު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ވަނީ ހަމަލާދޭން ފަށާފައެވެ. މީގެ ސަބަބުން ތެޔޮ އުފުލާ ބޯޓުފަހަރު އެ ސަރަހައްދުން ދަތުރުކުރުން ހުއްޓާލާފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އޮމާނަށްވެސް މިކަމުގެ އަސަރުކޮށް، ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެކަމަށް ވަނީ ލަފާކުރެވިފައެވެ.

ރައީސް ނަޝީދު 'އެކްސް' ގައި ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު، އެސްޓީއޯއާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން ރާއްޖޭގައި މިވަގުތު ރައްކާކުރެވިފައި ހުރީ ގާތްގަނޑަކަށް 20 ދުވަހަށް ބޭނުންވާ މިންވަރުގެ ތެލެވެ. އެއީ 70 މިލިއަން ލީޓަރުގެ ޑީސެލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި، ކަރަންޓު ކަނޑާނެ ވަކި ގަޑިތަކެއް ކަނޑައެޅުމަށާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުމުގެ އިތުރުން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކުރުމަށް ނަޝީދު ވަނީ ލަފާދެއްވާފައެވެ. އަދި އާންމު އިޖުތިމާއީ ހަރަކާތްތައް މަދުކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ގައުމުގެ އިގްތިސާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބޭނުންވާ ތެލުގެ އިތުރުން އޭވިއޭޝަން ފިއުލް މެދުނުކެނޑި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ހުޅަނގު އޭޝިއާ ސަރަހައްދު ހުރަސްނުކޮށް ތެޔޮ ގެނެވޭނެ އާ ރޫޓުތަކެއް ހޯދައި ސަޕްލައި ލައިން ބަދަލުކުރުމަށްވެސް ނަޝީދު ވަނީ ސަރުކާރަށް ހުށަހަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.