މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Author
ހުސައިން
14 މާރޗް 2026 10:06
0

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ވިހެއުމާ ގުޅިގެން ވަޒީފާއަށް ނުކުންނަ މައިންނަށް ދީފައިވާ ޚާއްޞަ ލުއިތަކެވެ.

މި އިސްލާހުގެ ދަށުން، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކުރުމަށްފަހު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން ދެ އަހަރު ފުރެންދެން މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް އަންހެން މުވައްޒަފުންނަށް ލިބޭނެއެވެ. ރައީސް މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.

މީގެ އިތުރުންވެސް މުހިންމު ބަދަލުތަކެއް މި ގާނޫނަށް ވަނީ ގެނެސްފައެވެ. އެގޮތުން، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާކޮށްދިނުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހުތައް ގެނައުމުގެ މައިގަނޑު މަގުސަދަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފުންގެ ހައްގުތައް އިތުރަށް ކަށަވަރުކުރުމެވެ. އޭގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖައާކުރުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމުގައި މިހާތަނަށް ދިމާވަމުން އައި ދަތިތަކަށް ހައްލު ހޯދައިދިނުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.