ރާއްޖެ ބަދުނާމުކޮށް ގައުމަށް ގެއްލުންދޭން މި ސަރުކާރުގެ އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރާނެ: ޚަލީލު

ރާއްޖެ ބަދުނާމުކޮށް ގައުމަށް ގެއްލުންދޭން މި ސަރުކާރުގެ އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރާނެ: ޚަލީލު

Author
ޙަސަން މުޙައްމަދު
11 މާރޗް 2026 02:12
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ނިސްބަތްވާ އެއްވެސް ވަޒީރަކު ނުވަތަ މަޖިލިސް މެންބަރަކުވެސް ގައުމު ބަދުނާމުކޮށް ދެރަގޮތެއް ހަދަން މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތަކީ ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާއެކެވެ.

މި ސަރުކާރުގެ އެންމެހާ އިސްވެރިންނަކީ ގައުމީ ފިކުރު އިސްކުރައްވާ ބޭފުޅުންކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، ރައީސް މުއިއްޒުގެ އަމާޒަކީ "ދިވެހިންގެ ރާއްޖެ" ބިނާކުރުން ކަމަށެވެ. ނަމަވެސް، ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުން ވަރަށް ކަންބޮޑުވާފަދަ ކަންތައްތަކެއް ފާހަގަވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓުވުމަށާއި ތަރައްގީގެ ފަންޑުތައް ކަނޑާލުމަށް އެދި ބައެއް ދިވެހިން ބޭރުގެ ޖަމިއްޔާތަކަށާއި ގައުމުތަކަށް ދޮގު މައުލޫމާތު ފޯރުކޮށްދެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ސުވާލު އުފައްދަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އާންމު ރައްޔިތުންގެ އާމްދަނީއަށް ހުރަސްއެޅުމަށް ކުރާ ވަރަށް ނުބައި މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ބޭރުގެ ފަރާތްތަކަށް ހަގީގަތް ހާމަކޮށްދިނުމުން އެ ދޮގުތައް ބާތިލުވެގެންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްރާއީލު ފިޔަވައި އެހެން ކޮންމެ ގައުމަކާއެކުވެސް ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުކަން ފާހަގަކުރައްވައި، ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ބުރަ މަސައްކަތްޕުޅުގެ ނަތީޖާކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އެއްވެސް ފަރާތަކުން ގައުމިއްޔަތު ފުނޑާލައި ރައްޔިތުން ނިކަމެތިކޮށްލާނެ އެއްވެސް އަމަލެއް ނުހިންގާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.