އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލްފުގެ ގައުމުތަކުން އެއްވެސް ކުރިމަތިލުމަކަށް ނުދަނީސް އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު އަދި ބަހްރޭން ފަދަ އަޚުވަންތަ ގައުމުތަކަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޚާއްޞަކޮށް މަދަނީ ތަންތަނަށާއި، އެއަރޕޯޓްތަކުގެ އިތުރުން ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްކަން ފާހަގަކޮށް، އެކަމާ ރާއްޖެއިން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހަމައެއާއެކު، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ދިވެހި ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން، ސަތޭކައަށްވުރެ ގިނަ އާންމުން މަރުވި އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއާއި، ހޮސްޕިޓަލްތަކަށާއި ތެޔޮ މަރުކަޒުތަކަށް ދީފައިވާ ގެއްލުން ބޮޑު ހަމަލާތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
މިފަދަ އަމަލުތަކަކީ ސަރަހައްދުގެ ނުތަނަވަސްކަން އިތުރުކޮށް، ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކަކުން ވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި، މެދުއިރުމައްޗަށް ސުލްހަމަސަލަސްކަމާއި އަމާންކަން ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ