މިއީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު: ރައްކާތެރިވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

މިއީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު: ރައްކާތެރިވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

Author
ހުސައިން
10 މާރޗް 2026 07:29
0

މިއީ މުޅި އަހަރުގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި، ކޮންމެ އަހަރެއްގެވެސް މާޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުވާ ދެމަހެވެ. މި ދުވަސްވަރު ވައި މަޑުވެ، ވިލާ މަދުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން، އިހުސާސްކުރެވޭ ހޫނުމިން އާންމު ހޫނުމިނަށްވުރެ މާބޮޑަށްވެސް މައްޗަށް ދެއެވެ. އަދި ކުރިއަށް އޮތް އޭޕްރީލް މަހުވެސް އާންމުކޮށް ހުންނަ ވަރަށްވުރެ ހޫނުމިން މަތިވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ދުވަހުގެ އެންމެ ހޫނުގަދަވާނެ ކަމަށް ބެލެވެނީ މެންދުރުފަހު 14:00 ހާއިރުއެވެ. އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މެޓް އޮފީހުގެ އާންމު ވައިބަރ ގްރޫޕް މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ހެނދުނު 11:00، މެންދުރުފަހު 14:00 އަދި ހަވީރު 17:00 ގައި ރާއްޖޭގެ ފަސް ސަރަހައްދެއްގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ހޫނުމިން ހިއްސާކުރަމުން ގެންދާނެކަމަށް އެ އިދާރާއިން ބުނެއެވެ.

މިއީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ. އެގޮތުން، ހޫނުގަދަ ވަގުތުތަކުގައި ގިނައިރު އަވީގައި ނޫޅުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ކުޑަ އާއި އަވި އައިނު އަދި ސަންލޯޝަން ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެން ބުއިމަކީވެސް އާންމު ސިއްހަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.