ކޮމަންވެލްތަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި އުފުލައިދީ، އެކަންކަމަށް ޢަމަލީ ސިފަ ގެނެސްދޭ މުހިންމު މަންސައެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ކޮމަންވެލްތު ދުވަހާ ގުޅިގެން ނެރުއްވި ޚާއްޞަ ބަޔާނެއްގައެވެ. މިއަހަރުގެ ޝިޢާރަކީ "ފާގަތި ކޮމަންވެލްތަކަށް އެންމެން ގުޅިގެން ފުރުސަތުތައް ފަހިކުރުން" ކަމަށްވާއިރު، މިއީ އެ ޖަމާޢަތުގެ އާއިލާގެ މެދުގައިވާ އެއްގޮތް އުސޫލުތަކާއި މަޤްޞަދުތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ޝިޢާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ޤައުމުތަކުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ހުރިހާ މެންބަރުންނަށްވެސް ކޮމަންވެލްތުން ފަހި ފުރުސަތުތަކެއް ހޯދައިދެއެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައާއި ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން ހަރުދަނާކުރުމުގައި އެ ޖަމާޢަތަކީ ވަރަށް މުހިންމު ބައިވެރިއެއްކަން ވަޒީރުގެ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ. އަދި 70 އަހަރަށްވުރެ ގިނަ ދުވަސްވީ މި ޖަމާޢަތުގެ އެއްބައިވަންތަކަމާއި ސިންދަފާތުކަމަކީ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ބާރުކަމަށްވެސް ވިދާޅުވިއެވެ.
ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު، މިއަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ ހަރަކާތްތެރި މަންސައެއްގެ ގޮތުގައި އެ ޖަމާޢަތް ދެމެހެއްޓުމަށާއި، ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ރާއްޖެއިން ކޮމަންވެލްތުގައި އަދާކުރާ ދައުރު ފުޅާކުރުމަށް ވެފައިވާ އިޤުރާރު މިއަދުވެސް އާކުރާކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.
ޖުމްލަ 56 ޤައުމު ހިމެނޭ ކޮމަންވެލްތުން ރާއްޖެ ކުރިން ވަކިވުމަށްފަހު، އަލުން އެ ޖަމާޢަތާ ގުޅިފައިވަނީ 1 ފެބުރުވަރީ 2020 ގައެވެ. އެއާއެކު ދިވެހިރާއްޖެ ވެގެންގޮސްފައިވަނީ އަލުން އެ ޖަމާޢަތާ ގުޅުނު 54 ވަނަ މެންބަރު ޤައުމަށެވެ.
ކޮމެންޓު ފޮނުވާ