އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އެގައުމުން 200 އަށްވުރެ ގިނަ މީހުން މަރުވެ، މުޅި ގައުމު ހަނގުރާމައިގެ އެލާޓަށް ގެނެސްފިއެވެ.
އީރާނުގެ ރެޑް ކްރެސެންޓުން ހާމަކުރި ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 201 މީހުން މަރުވެފައިވާއިރު، 747 މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެ އިދާރާއިން ބުނިގޮތުގައި އީރާނުގެ 31 ޕްރޮވިންސްގެ ތެރެއިން 24 ޕްރޮވިންސަށް މި ހަމަލާތަކުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިއީ ފަހުގެ ތާރީހެއްގައި އެމެރިކާއާއި އީރާނާ ދެމެދު ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާތައް ފުޅާވަމުންދާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ މެދުތެރޭގައި އޮންނަ އިސްފަހާން ސަރަހައްދުގެ ސިނާއީީ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން އެތަންތަނުން ނުކުތުމަށް އިންޒާރު ދީފައެވެ. އިސްރާއީލުން ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި އީރާނުގެ އަސްކަރީ އިންފްރާސްޓްރަކްޗާތަކަށް ވަރަށް އަވަހަށް ހަމަލާދޭނެ ކަމަށެވެ. މި ހާލަތާ ގުޅިގެން އީރާނުގެ އިސްނާ ނޫސް އެޖެންސީން ބުނެފައިވަނީ މުޅި ގައުމު މިހާރު އޮތީ އެލާޓްގެ ހާލަތަށް ގެނެވިފައި ކަމަށެވެ.
އިސްރާއީލާއި އެމެރިކާގެ މި ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައެވެ. އީރާނުން ފޮނުވާލި ހަމަލާތަކުގެ އަޑުތައް ކުވައިޓު، ބަހްރެއިން، ޔޫއޭއީގެ އަބޫދާބީ އަދި ސައުދީ އަރަބިއްޔާގެ ރިއާދުން އިވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އީރާނުން ވަނީ ސީދާ އިސްރާއީލަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ފޮނުވާލާފައެވެ.
ކޮމެންޓު ފޮނުވާ