އީރާނުން ހޯމުޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުމެއް

އީރާނުން ހޯމުޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުމެއް

Author
ޙަސަން މުޙައްމަދު
28 ފެބްރުއަރީ 2026 09:29
0

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އީރާނުން ހޯމުޒް ކަނޑުއޮޅި ބަންދުކޮށް، ތެޔޮ ބޭރުކުރުން ހުއްޓުވާލައިފިއެވެ.

އެމެރިކާގެ މަދަދު ލިބިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކަނޑުގެ ސިފައިން މިކަން ރަސްމީކޮށް އިއުލާނުކޮށްފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެއެވެ. މި ނިންމުމާއެކު އެ ސަރަހައްދުން ކަނޑުގެ އެއްވެސް އުޅަނދަކަށް ދަތުރު ނުކުރެވޭނެކަން އަންގައި، މެދުއިރުމަތިން ދުނިޔެއަށް ތެޔޮ ފޯރުކޮށްދޭ މައި ދޮރާށި ވަނީ ބަންދުވެފައެވެ.

ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވުމުން، މިއީ ދުނިޔޭގެ އިގްތިސާދަށާއި ސަލާމަތީ މަސްރަހަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ. މިކަމުގެ ސަބަބުން ސައުދީ އަރަބިއްޔާ، އިރާގު، ޔޫއޭއީ، ކުވެއިތު އަދި ގަތަރު ފަދަ ގައުމުތަކުގެ ތެޔޮ އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ.

މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އީރާނަށް ވެސް ގެއްލުންތަކެއް ވާނެކަމަށް ބެލެވޭއިރު، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަތްނުފޯރާ މިންވަރަށް އުފުލިގެން ހިގައިދާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.