އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި ރައީސް މަސްއޫދު ޕެޒެޝްކިއަން ކަމަށް އިޒްރޭލުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
އިޒްރޭލުގެ ދައުލަތުގެ މީޑިއާ "ކާން" ނިއުސްއިން އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، ހޮނިހިރު ދުވަހު ދިން މި ހަމަލާތައް ޚާއްސަކޮށްފައިވަނީ އީރާނުގެ އެންމެ މަތީ ފަޑީގެ ވެރިންނަށް ކަމަށެވެ. ނަމަވެސް، ހަމަލާ ދިން ވަގުތު ޚާމަނާއީ ތެހެރާންގައި ވަޑައިގެން ނެތް ކަމަށާއި، އެމަނިކުފާނު މިހާރު ހުންނެވީ ރައްކާތެރި ތަނަކަށް ބަދަލުކުރެވިފައި ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވެއެވެ.
އީރާނު ސަރުކާރާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގައި އީރާނުގެ އިންގިލާބީ ލަޝްކަރު (އައި.އާރް.ޖީ.ސީ) ގެ އިސް ކޮމާންޑަރުންތަކަކާއި ސިޔާސީ ބޭފުޅުންތަކެއް ވަނީ އަވަހާރަވެފައެވެ. އެހެންނަމަވެސް، މިއީ ސައްހަ މައުލޫމާތެއްކަން މިނިވަން މުއައްސަސާއަކުން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
މިފަދަ ރިޕޯޓުތަކެއް ފެތުރިފައިވީ ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާތައް ކަމަށްވާ އިރްނާ، މެހެރް އަދި އިސްނާއިން ވަނީ ރައީސް ޕެޒެޝްކިއަންގެ ހާލުކޮޅު ރަނގަޅުކަމަށް ރިޕޯޓުކޮށްފައެވެ. އެ އެޖެންސީތަކުން ބުނާ ގޮތުގައި ރައީސް ހުންނެވީ ސަލާމަތުންނެވެ.
ކޮމެންޓު ފޮނުވާ