މާލެއިން ހުޅުމާލެއަށް ކުނި އުފުލަމުންދިޔަ ޕިކަޕެއް ސިނަމާލެ ބްރިޖު މައްޗަށް ފުރޮޅާލި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވެ ސަލާމަތްވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:45 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބްރިޖުން ދުއްވާފައި ދަނިކޮށް ޕިކަޕުގެ ފުރޮޅެއް ފަޅައިގެން ގޮސް، އުޅަނދު ކޮންޓްރޯލުން ނެއްޓި ފެންސްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޕިކަޕު ފުރޮޅާލުމުގެ ސަބަބުން އޭގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތަން ފެނެއެވެ. އަދި ޕިކަޕު ބަންޑުން ޖަހާލުމާއެކު، އޭގައި ހުރި ގިނަ އަދަދެއްގެ ކުނިތައް ވަނީ ބްރިޖުގެ މަގުމައްޗަށް އެޅިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ