ރޯދަ މަހަކީ ނިދުމާއި ކަންނެތްކަމުގެ މައްސަރެއް ނޫން، އެއީ ޖިހާދާއި އަޅުކަމުގެ މޫސުން: ޚުތުބާ

ރޯދަ މަހަކީ ނިދުމާއި ކަންނެތްކަމުގެ މައްސަރެއް ނޫން، އެއީ ޖިހާދާއި އަޅުކަމުގެ މޫސުން: ޚުތުބާ

Author
ހުސައިން
27 ފެބްރުއަރީ 2026 02:13
0

ބަރަކާތްތެރި ރަމަޟާން މަހަކީ ކަންނެތްކަން އިސްކޮށް، ނިދުމުގައި ވަގުތުތައް ބޭކާރުކޮށްލަންވީ މައްސަރެއް ނޫން ކަމަށާއި، މިއީ ހީވާގިކަމާއެކު އަޅުކަމުގައި ދެމިތިބެ ނަފްސު ތަހުޒީބު ކުރަންވީ މައްސަރުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ނަސްރާއި ކާމިޔާބުގެ މައްސަރު" މި މައުޟޫޢަށް މިއަދު ދިން ޚުތުބާގައި ފާހަގަކުރި ގޮތުގައި، ރޯދަ މަހަކީ އިންސާނާގެ ހަށިގަނޑުން ކުރެވޭ ޖިހާދުގެ އިތުރުން، އަމިއްލަ ނަފްސުގެ އެދުންތަކާ ދެކޮޅަށް ކުރެވޭ އެންމެ ބޮޑު ޖިހާދެވެ. ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން، އާންމު ހާލަތުގައި ހަލާލު ކާތަކެއްޗާއި ބުއިންތައް ލިބެން ހުންނައިރު ވެސް، އެތަކެއްޗާ ދުރުހެލިވެ ހުރުމަކީ ނަފްސުގެ މައްޗަށް ގަދަވެގަނެވޭކަމުގެ ހެއްކެއް ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ޚުތުބާގައި އިތުރަށް ނަސޭހަތްތެރިވެފައިވަނީ، ރޯދަ މަހަކީ މަސައްކަތްތައް ހުއްޓާލައި ޗުއްޓީއެއްގެ ގޮތުގައި ނުދެކުމަށެވެ. އޭގެ ބަދަލުގައި މިއީ އަޅުކަމުގައި ކުރިއަރައި ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، ވަކިން ޚާއްސަކޮށް ރޯދަ މަހުގެ ފަހު ދިހައެއްގައި އަޅުކަމުގެ ކަމަރު ބަނދެލުމަށް މުސްލިމުންނަށް ވަނީ ބާރުއަޅާފައެވެ. އަދި ރޯދަ މަހުގެ ހަގީގީ ކާމިޔާބީ ހޯދަން އެދޭނަމަ ލައިލަތުލްޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށާއި، އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހަކީ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެ މީހެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަ ފުއްސެވުމުގެ މޫސުންކަން ފާހަގަކޮށް، މުސްލިމު މުޖުތަމަޢުތަކުގައި މި މަތިވެރި މައްސަރުގެ ޤަދަރާއި ކަރާމާތް ހިފެހެއްޓުމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.