މޯދީގެ ދެވަނަ އިސްރާއީލު ދަތުރު: ދިފާއީ ގުޅުން ބަދަހިކުރުމަށް އަމާޒުހިފައިފި

މޯދީގެ ދެވަނަ އިސްރާއީލު ދަތުރު: ދިފާއީ ގުޅުން ބަދަހިކުރުމަށް އަމާޒުހިފައިފި

Author
ހުސައިން
25 ފެބްރުއަރީ 2026 11:04
0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިސްރާއީލަށް ވަޑައިގެންފިއެވެ. މިއީ ޓެކްނޮލޮޖީއާއި ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް އެމަނިކުފާނު އިސްރާއީލަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

އިސްރާއީލަށް ވަޑައިގަތުމުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މޯދީއަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އިންޑިއާގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގައި ހުރި ޒަމާނީ ދިފާއީ ވަސީލަތްތަކުގެ ބޭނުން ހިފުމާއި އެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމެވެ. މި ދަތުރުފުޅުގެ ތެރެއިން މޯދީ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި "ބޮޑުވެގެންވާ ގުޅުމެއް" އުފެދިފައިވާ ކަމަށާއި، ހުރިހާ ދާއިރާއަކުން ވެސް އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޣައްޒާގައި ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގައި މޯދީ މި ދަތުރުފުޅު ކުރެއްވުމުން، ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އިންޑިއާއަށް އަމާޒުވެފައެވެ. އިންޑިއާއަކީ 1974 ވަނަ އަހަރު ޕީއެލްއޯ ބަލައިގަނެ، އަދި 1988 ގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތް ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ނަމަވެސް، ފަހަކަށް އައިސް އެ ސިޔާސަތަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ޚާއްސަކޮށް 2024 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައިގައި އިންޑިއާގެ ކުންފުނިތަކުން އިސްރާއީލަށް ރޮކެޓާއި ގޮވާތަކެތި ފޯރުކޮށްދީފައިވާކަން އަލް ޖަޒީރާގެ ތަހުގީގަކުން ހާމަވުމާ ގުޅިގެން މި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

ހަނގުރާމައިގެ ހާލަތަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ މުއާހަދާއެއް އެކުލަވާލެވުނު ނަމަވެސް، އިސްރާއީލުން ގެންދަނީ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 72،073 މީހުން ޝަހީދުވެ، 171،756 މީހުން ޒަހަމްވެފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

ސިޔާސީ މަސްރަހު މިހެން އޮތްއިރު، ދެ ގައުމުގެ އިގުތިސާދީ ގުޅުން އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. މިދިޔަ އަހަރު އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިޔަފާރި ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު އެކަނިވެސް ދެ ގައުމުގެ ދެމެދުގައި 3.9 ބިލިއަން ޑޮލަރު (60 ބިލިއަން ރުފިޔާ) ގެ ވިޔަފާރިކޮށްފައިވާއިރު، އެއް ގައުމުން އަނެއް ގައުމުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ އަގު 800 މިލިއަން ޑޮލަރަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.