މާފަންނު އުތުރު ޖަގަހަ ހުޅުވައިފި: އިންތިހާބުގެ 80 އިންސައްތަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ޕީއެންސީއަށް

މާފަންނު އުތުރު ޖަގަހަ ހުޅުވައިފި: އިންތިހާބުގެ 80 އިންސައްތަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ޕީއެންސީއަށް

Author
އަހުމަދު
21 ފެބްރުއަރީ 2026 01:39
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން މާފަންނު އުތުރު ދާއިރާގައި ގާއިމުކުރި ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޭ ހުޅުއްވައިދެއްވައިފިއެވެ.

އޯކިޑް މަގު، ހިލާލީގޭ ކުރިމަތީގައި ހުންނަ މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އައިޝާ އަލައިކާ އަދުނާންގެ އިތުރުން އެ ދާއިރާގެ ކައުންސިލް ގޮނޑިތަކަށާއި ޑަބްލިއުޑީސީ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އަދި އިންތިހާބުގެ ވޯޓަކާ ނުލައި 70 ގޮނޑި އެ ޕާޓީން މިހާރުވެސް ކަށަވަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ކައުންސިލް ރައީސުންގެ ގޮނޑިތައްވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޕީއެންސީން ދަނީ ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ކަމަށާއި، މި އިންތިހާބުގެ 80 އިންސައްތަ ގޮނޑި އެ ޕާޓީން ކާމިޔާބުކުރާނެ ކަމަށެވެ. އަދި މި ކާމިޔާބީގެ ސިއްރަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ މިނިވަންކަމާއި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަތުން ކަމަށާއި، ގައުމަށް އެންމެ ރަނގަޅު ވެރިއަކީ ރައީސް މުއިއްޒުކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ގައުމު ފުނޑާލި ބަޔަކު އަލުން ނުކުމެ ގައުމު ބިނާކުރާ ވާހަކަ ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ވަޒީރު ވަނީ ކުރީ ސަރުކާރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު، 2 މިލިއަނަށް ދަށްކޮށްލި މައްސަލަ ފާހަގަކުރައްވައި، އިދިކޮޅު ސަފުތަކުން ފެންނަނީ ހަމަ އެއް މޫނުތަކެއް ކަމަށާއި އެމީހުން ދައްކާ ވާހަކަތަކުގައި ބުރަދަނެއް ނެތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.