ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔުން ސުކް ޔޯލް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔުން ސުކް ޔޯލް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

Author
ޙަސަން މުޙައްމަދު
19 ފެބްރުއަރީ 2026 01:29
0

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔުން ސުކް ޔޯލް، ގައުމުގައި މާޝަލް ލޯ އިއުލާނުކޮށް ބަޣާވާތް ކުރެއްވުމުގައި އިސްކޮށް ހުންނެވިކަން ސާބިތުވެ، ބުރާސްފަތި ދުވަހު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ 2024 ވަނަ އަހަރު އޭނާ އިއުލާނުކުރެއްވި މާޝަލް ލޯ (އަސްކަރީ ވެރިކަން) އާ ގުޅިގެން، ބަޣާވާތް ކުރެއްވުމުގެ ކުށް ސާބިތުވުމުންނެވެ. މިއީ ދެކުނު ކޮރެއާގެ ޑިމޮކްރަސީއަށް ލޮޅުން އަރުވާލި އަދި ސިޔާސީ ގޮތުން ބޮޑު ހަމަނުޖެހުމެއް އުފެދުނު ހާދިސާއެކެވެ އޭނާގެ މި އަމަލުގެ ސަބަބުން ގައުމު ސިޔާސީ ބޮޑު ހަމަނުޖެހުމަކަށް ވެއްޓި، އެތައް ޒަމާނެއްވީ ޑިމޮކްރަސީ ނެތިދާނެކަމުގެ ބިރު ހީވެގެން ދިޔައެވެ.

މި ހުކުމާއެކު، ދެކުނު ކޮރެއާގެ ސިޔާސީ ތާރީހުގައި ހިނގައިދިޔަ އެންމެ ނާޒުކު އެއް ދުވަސްވަރުގެ ބާބު ވަނީ ނިމުމަކަށް އައިސްފައެވެ.

**ހާދިސާ ހިނގި ގޮތް**
3 ޑިސެމްބަރު 2024 ގައި، އުމުރުން 65 އަހަރުގެ ޔުން ވަނީ ދަންވަރު ވަގުތެއްގައި ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މާޝަލް ލޯ އިއުލާނުކުރައްވާފައެވެ. އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ތެރޭގައި އުތުރު ކޮރެއާއަށް ވާގިވެރިވާ "ދައުލަތާ ދެކޮޅު ފަރާތްތައް" ތިބި ކަމަށެވެ.

މި އިއުލާނާ ގުޅިގެން ހަތިޔާރު އެޅި ސިފައިން ހެލިކޮޕްޓަރުގައި ގާނޫނު ހަދާ މަޖިލީހަށް ފައިބައި، މެމްބަރުން ތިއްބެވި މާލަމަށް ވަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އާންމު ރައްޔިތުންނާއި، މެމްބަރުން އަދި މަޖިލީހުގެ މުވައްޒަފުން ގުޅިގެން ވަނީ ބެރިކޭޑް ޖަހައި ސިފައިންނަށް ހުރަސް އަޅާފައެވެ. މި މަންޒަރުތައް ޓީވީތަކުން ވަގުތުން ދުރަށް ދެއްކިއެވެ.

ޔުންގެ މި ނިންމެވުން ވެގެންދިޔައީ ގައުމުގެ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށް ގިނަ ބަޔަކު ސިފަކުރިއެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެއްވެ، މާޝަލް ލޯ ހުއްޓުވުމަށް ފާސްކުރުމުން، އިއުލާނުކުރިތާ 6 ގަޑިއިރު ތެރޭގައި ޔުން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.

**ޝަރީއަތުގެ ނިންމުން**
މައްސަލަ ބެއްލެވި ގާޒީ ޖީ ގްވީ-ޔޮން ވިދާޅުވީ، ޔުން މާޝަލް ލޯ އިއުލާނުކުރެއްވުމުގެ މަގުސަދަކީ ގާނޫނު ހަދާ މަޖިލިސް ހުއްޓުވައި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުންނާއި އަމިއްލަ ޕާޓީގެ ލީޑަރު ހަން ޑޮންގް-ހޫ ހައްޔަރުކުރުންކަން ސާފުވާ ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން މަޖިލީހަށް ފޮނުވުމަކީ ބަޣާވާތުގެ އަމަލެއް ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.

މި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ކިމް ޔޮން-ހިޔުންގެ މައްޗަށް ވެސް ކުށް ސާބިތުވެ 30 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

**ޔުންގެ ދިފާއު**
މި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ޔުން އަށް އޮތްއިރު، އޭނާ ވަނީ ބަޣާވާތުގެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ އިދިކޮޅު ޕާޓީން ގައުމު ހުއްޓުމަކަށް ގެނައުމުން، ރައްޔިތުން ހޭލެއްވުމަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި ޕްރޮސެކިއުޓަރުންގެ ދައުވާއަކީ "ޚިޔާލީ ވާހަކަތަކެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޕްރޮސެކިއުޓަރުން ވަނީ ޔުން އަށް މަރުގެ އަދަބު ދިނުމަށް އެދިފައެވެ. ނަމަވެސް ދެކުނު ކޮރެއާގައި މަރުގެ އަދަބު ތަންފީޒު ނުކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ.

**އިތުރު މައްސަލަތައް**
ޔުން އަކީ ދެކުނު ކޮރެއާގެ ތާރީހުގައި ވެރިކަމުގައި ހުންނަވަނިކޮށް ހައްޔަރުކުރެވުނު ފުރަތަމަ ރައީސް އެވެ. މާޝަލް ލޯ އިއުލާނުކުރިތާ 11 ދުވަސް ފަހުން އޭނާ ވަނީ މަގާމުން އަޒުލުކޮށްފައެވެ. މީގެ އިތުރުން، އޭނާ ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސް އެޅުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި މީގެ ކުރިން ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޔުންގެ ވެރިކަމުގެ އިސް އެހެން ބޭފުޅުންނަށް ވެސް ވަނީ ހުކުމްތައް އައިސްފައެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ހަން ޑަކް-ސޫ (23 އަހަރަށް ޖަލަށް) އަދި ކުރީގެ އިންޓީރިއާ މިނިސްޓަރު ލީ ސަންގް-މިން (7 އަހަރަށް ޖަލަށް) ހިމެނެއެވެ. ޔުންގެ އަނބިކަނބަލުން ކިމް ކިއޮން ހީ ވެސް ގެންދަވަނީ ރިޝްވަތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.