މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ޒަކާތް ދެއްކުމަށް އާންމުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާއިރު، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މިފަހަރު ޒަކާތް ދެއްކުމަށްޓަކައި އޮންލައިން 7 ޕްލެޓްފޯމެއް ބޭނުންކުރެވޭނެއެވެ. އޭގެ ތެރޭގައި ދިރާގު އެޕް އަދި ޕޭ، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ ހިމެނެއެވެ. މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދެއްވައެވެ.
ޓެކްނޮލޮޖީއަށް އަހުލުވެރިނޫން ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކައުންޓަރުތައް ބަހައްޓައިގެން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފެބުރުވަރީ 22 އިން މާރިޗު 9 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް އަދި މާރިޗު 10 އިން 19 އަށް، (ހުކުރު، ހޮނިހިރު ފިޔަވައި) 11:00 އިން 14:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ނަޤުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިންނެވެ.
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް ކަނޑައަޅާފައިވަނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ އަގަށެވެ. އެގޮތުން އާދައިގެ ހަނޑުލުން މީހަކަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުން 53 ރުފިޔާ، އަދި ރަތް ހަނޑުލުން 96 ރުފިޔާ ދައްކަންޖެހެއެވެ. ބާސްމަތީ ހަނޑުލުގެ ބާވަތްތަކަށް ބަލާއިރު، އާދައިގެ ބާސްމަތީ ހަނޑުލަށް 77 ރުފިޔާ، މޮޅު ބާސްމަތީ ހަނޑުލަށް 109 ރުފިޔާ އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލަށް 136 ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އާދައިގެ ފުށުން 10 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާގެ ރޭޓުން ޒަކާތް ދެއްކޭނެއެވެ.
ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ރަމަޟާންމަހު ވާޖިބުވެގެންވާ މުހިންމު އަޅުކަމެއް ކަމުގައިވާތީ، ވަގުތު ފާއިތުވުމުގެ ކުރިން ވީހާވެސް އަވަހަށް ޒަކާތް ދައްކައި ނިންމުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ