އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕް މިހާރު އެއްކޮށް ފެއިލްވެފައިވާ ކަމަށާއި، އެ ޕާޓީގެ ވެރިން ދައްކަވާ ވާހަކަތައް އާންމު މެންބަރުން ވެސް ގަބޫލުނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާފަންނު ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އެމްޑީޕީގެ ލީޑަޝިޕުން މިހާރު މަސައްކަތް ކުރަނީ ސަރުކާރުގެ ކާމިޔާބީތައް އޮޅުވާލައި، ރަނގަޅު ކަންކަން ގޯސް ކަންކަމުގެ ގޮތުގައި ސިފަކުރުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުންނަށް ހަގީގަތް ސާފުވާކަމަށާއި، ލީޑަޝިޕްގެ ދޮގު ވާހަކަތަކަށް އެ މެންބަރުން ނުހެއްލޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޕާޓީގެ ފިކުރުގެ ތަފާތުކަން ހާމަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިންނަކީ ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްދޭ ވެރިއަކު ހުންނަވަން ބޭނުންވާ ބަޔަކު ނޫން ކަމަށެވެ. މިގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެންނަން އުޅުނު ބިޔަ މަޝްރޫއެއް ހުއްޓުވުމަށް އެމްޑީޕީން ހިންގި ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ތަރައްގީ ފަހަތަށް ޖެހި، ވާދަވެރި އެހެން ގައުމުތައް ކުރިއަރައިގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ރައްޔިތަކަށް ލިބުނު މޮޅެއް ނެތްކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން އެމްޑީޕީން ދައްކާ ވާހަކަތަކަކީ ވެސް ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި، އެ ޕާޓީގެ ލީޑަޝިޕުން އަބަދުވެސް އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށް ނައިބު ރައީސް ތުހުމަތު ކުރެއްވިއެވެ. ގައުމު ބައްޓަން ކުރުމުގައި އެމްޑީޕީގެ ވިސްނުން ގެންގުޅޭ ގޮތުން ގައުމު ފަހަތަށް ސޮއްސާލައިގެން ހިނގައިދާނެކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުންދާ އިހުލާސްތެރި މަސައްކަތުގެ ފޮނި ނަތީޖާ އިންތިޚާބުގައި ޕީއެންސީއަށް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ