ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން އަލުން ބަލަން ފަށައިފި

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން އަލުން ބަލަން ފަށައިފި

Author
ޙަސަން މުޙައްމަދު
16 ފެބްރުއަރީ 2026 07:39
0

އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް، ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މިއަދު އަލުން ބަލަން ފަށައިފިއެވެ.

މި މައްސަލަ އަލުން ބަލަން ފަށާފައިމިވަނީ، މި މައްސަލައިގައި ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް 2022 ވަނަ އަހަރު ހުކުމްކުރި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ. ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަ އަލުން ބެލުމަށެވެ.

އާންމުކޮށް ކްރިމިނަލް ކޯޓުގައި މައްސަލަތައް ބަލަނީ ވަކިވަކި ފަނޑިޔާރުން ކަމަށްވީ ނަމަވެސް، މި މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އިބްރާހިމް އިހުސާން، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމެވެ. މިއަދު ފެށި މި ޝަރީއަތް ކުރިއަށް ގެންދަނީ އޮންލައިންކޮށް ވަގުތުން ދައްކާ ގޮތަށެވެ.

އޭޕްރީލް 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށް އެކަންޏެވެ. ނަމަވެސް އެ ދެ މީހުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން، ފާއިތުވި ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.

ހައިކޯޓުގެ ހުކުމާއެކު އެ ދެ މީހުން މިނިވަންވި ނަމަވެސް، ދައުލަތުން ވަނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ކޯޓުގައި އެދިފައެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންނާއި މަރު ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ޔާމީން މަރާލާފައިވަނީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.