ރޯދަ މަހުގެ ކަރަންޓު ބިލަށް ޚާއްސަ ޑިސްކައުންޓް ދިނުމަށް މާދަމާ ރީޑިންގ ނަގަން ފަށަނީ

ރޯދަ މަހުގެ ކަރަންޓު ބިލަށް ޚާއްސަ ޑިސްކައުންޓް ދިނުމަށް މާދަމާ ރީޑިންގ ނަގަން ފަށަނީ

Author
މުޙައްމަދު ޖިމީ
15 ފެބްރުއަރީ 2026 10:43
0

ރަމަޟާން މަހުގެ ކަރަންޓު ބިލު ކުޑަކޮށް، ރައްޔިތުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، ޚާއްސަ ބިލެއް ތައްޔާރުކުރުމަށްޓަކައި މާދަމާއިން ފެށިގެން މީޓަރުގެ ރީޑިންގ ނަގަން ފަށަން ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ހަމަޖެއްސުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތުގައި، ކަރަންޓު މީޓަރުތަކުގެ ރީޑިންގ ނެގުން ކުރިއަށްދާނީ މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހުއެވެ. މިއީ ރޯދަ މަހަށް ޚާއްސަކޮށް ވަކި ބިލެއް ހެދުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި ފިޔަވަޅަކީ ރަމަޟާން މަހު ރައްޔިތުންގެ ޖީބަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމުގެ އިތުރުން، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ވަނީ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައެވެ. އެފަހަރު މިކަމަށް ދައުލަތުން 130 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އާންމު މަސްމަހާ އަޅާބަލާއިރު ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ބިލު ބޮޑުވުމުގެ ޝަކުވާ އާންމުވެފައިވާއިރު، މިފަހަރުގެ މި ނިންމެވުމާއެކު ރައްޔިތުންނަށް މާލީގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.