ޑޮލަރު މާރުކުރާ ގަވާއިދު އުވާލައި، "ފްލޯޓިން ރޭޓް" އަށް ބަދަލުވުމުގެ ވިސްނުން އެމްއެމްއޭގެ އެބަހުރި: މަޓީ

ޑޮލަރު މާރުކުރާ ގަވާއިދު އުވާލައި، "ފްލޯޓިން ރޭޓް" އަށް ބަދަލުވުމުގެ ވިސްނުން އެމްއެމްއޭގެ އެބަހުރި: މަޓީ

Author
ޙަސަން މުޙައްމަދު
15 ފެބްރުއަރީ 2026 05:28
0

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ދާދި ފަހުން އެކުލަވާލި ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ގަވާއިދު ފަހުން އުވާލާނެ ކަމަށާއި، އެއަށްފަހު އަމާޒަކީ އެކްސްޗޭންޖް ރޭޓް "ފްލޯޓިން" ނިޒާމަކަށް ބަދަލުކުރުން ކަމަށް ގަވަރުނަރު ވިދާޅުވެފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން ކުރިއަށްދިޔަ ހިޔާލު ބަދަލުކުރުމުގެ ސެޝަނެއްގައި، ރާއްޖޭގައި މިހާރު އޮންނަ ފިކްސްޑް އެކްސްޗޭންޖް ރޭޓުގެ ބަދަލުގައި ފްލޯޓިން ނިޒާމަކަށް ނުދަނީ ކީއްވެތޯ މެންބަރަކު ވަނީ ސުވާލު އުފައްދަވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މަޓީގެ ނިމުނު ދައުރުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު ވަނީ، ބޭރު ފައިސާއާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެމްއެމްއޭގެ ގަވަރުނަރާ އެކު ބޭއްވި ދެ ގަޑިއިރުގެ ބައްދަލުވުމެއްގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ނަޒީރު ވިދާޅުވީ ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ގަވާއިދު އެކުލަވައިލި ނަމަވެސް، ފަހުން އެ ގަވާއިދު އުވާލައްވާނެ ކަމަށް އެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވި ކަމަށެވެ. އަދި އެ ގަވާއިދު އުވާލުމަށް ފަހު، އެމްއެމްއޭގެ އުންމީދަކީ މިހާރު އޮތް ފިކްސްޑް ރޭޓް ނިޒާމު ދޫކޮށްލައި، ބާޒާރުން އަމިއްލަ ޒާތުގައި ޑޮލަރުގެ އަގު ކަނޑައަޅާ "ފްލޯޓިން އެކްސްޗޭންޖް ރޭޓް" ނިޒާމަކަށް ބަދަލުވުންކަން ގަވަރުނަރު ފާހަގަކުރެއްވި ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ މަޓީން ވަނީ އެމްއެމްއޭގެ އާ ގަވާއިދާ ދެކޮޅަށް މީގެ ކުރިން ވެސް ވާހަކަދައްކައި ބަޔާން ނެރެފައެވެ. ނަމަވެސް، ފްލޯޓިން ރޭޓަކަށް ބަދަލުވުމުގެ ވިސްނުމަށް އިޝާރާތް ކުރައްވައި ނަޒީރު ވިދާޅުވީ، އެ ޖަމިއްޔާގެ ގިނަ މެންބަރުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ފިކްސްޑް ރޭޓް ނިޒާމުގައި ޑޮލަރު ގަނެވިއްކާނެ އަގު ކަނޑައަޅަނީ މަރުކަޒީ ބޭންކުން ކަމަށް ވިޔަސް، ފްލޯޓިން ނިޒާމެއްގައި އެ އަގު ކަނޑައަޅާނީ މާކެޓުގެ ޑިމާންޑާއި ސަޕްލައިއަށް ބަލައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.