އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ހެދި ޔޫރަޕާއި އެމެރިކާގެ ގުޅުމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި، އެމެރިކާއަކީ "ޔޫރަޕްގެ ދަރިއެއް" ގެ ގޮތުގައި ސިފަކުރައްވައި، ދެ ފަރާތުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވާހަކަދައްކަވައިފި އެވެ.
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، މީޑިއާތަކުން ސިފަކުރާ ގޮތާ ހިލާފަށް، އެމެރިކާ އާއި ޔޫރަޕްގެ ގުޅުން ނިމުމަކަށް ގެނައުމަކީ އެމެރިކާއިން އެދޭ ގޮތް ނޫން ކަމަށެވެ. އަދި ތާރީހީ ގޮތުން އޮތް ގާތް ގުޅުން އާކޮށް، ދެ ބައިވެރިން އެކުގައި ތިބުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ. ޔޫކްރެއިން ހަނގުރާމަ އާއި ވިޔަފާރީގެ މައްސަލަތަކުގައި އެމެރިކާގެ ސްޓޭންޑާ މެދު ކަންބޮޑުވެފައި ތިބި ޔޫރަޕްގެ ގައުމުތަކަށް ރޫބިއޯގެ މި ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އަމަލީ ގޮތުން ކުރާނެ ކަންތައްތަކެއްގެ އާ ވައުދެއް އޭނާ ނުވެ އެވެ. އަދި ރަޝިއާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ރޫބިއޯގެ މި ތަގުރީރާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އޫސުލާ ފޮން ޑަ ލޭޔަން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ، އެއީ ލިބިވަޑައިގެންނެވި ތަސައްލީއެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބައެއް އެހެން ލީޑަރުން ތިއްބެވީ ސަމާލުވެގެންނެވެ. މިގޮތުން ލިތުއޭނިއާގެ ކުރީގެ ހާރިޖީ ވަޒީރު ގަބްރިއޭލިއަސް ލޭންޑްސްބާޖިސް ވިދާޅުވީ، މިއީ ހަމައެކަނި ރީތި ބަހުރުވައަކުން ދެއްކެވި ވާހަކަތަކެއް ކަމަށާއި، އަސްލު ސިޔާސަތުތަކަށް ބަދަލެއް އައިސްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
މި ކޮންފަރެންސްގެ ތެރެއިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެމެރިކާގެ ފިއްތުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާއާ އެކު އެއްބަސްވުމަކަށް އައުމަށް ވޮޝިންޓަނުން ބާރުއަޅަމުންދާ ކަމުގެ އިހުސާސް ކުރެއްވޭއިރު، ދޫދިނުމުގެ ވާހަކަ ގިނައިން އަންނަނީ ހަމައެކަނި ޔޫކްރެއިންއާ ހިސާބުންނެވެ.
ހުޅަނގުގެ ބާރުތައް ދަށަށްދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރޫބިއޯ ވަނީ، އެމެރިކާގެ ބައިވެރިން ބަލިކަށިވުމަކީ އެމެރިކާއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ވާހަކަ ނިންމާލެއްވީ ސަލާމަތީ ގޮތުންނާއި އެއްބައިވަންތަކަމުގެ ގޮތުން ބައިވެރި ގައުމުތައް އިތުރަށް ވަރުގަދަވުމަށް ގޮވާލައްވަމުންނެވެ.
ކޮމެންޓު ފޮނުވާ