ހެޔޮއެދޭ ފަރާތެއްގެ އެހީގައި ހއ. އިހަވަންދޫގައި ބިނާކުރި އާ މިސްކިތް ހުޅުވައިފި

ހެޔޮއެދޭ ފަރާތެއްގެ އެހީގައި ހއ. އިހަވަންދޫގައި ބިނާކުރި އާ މިސްކިތް ހުޅުވައިފި

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 11:07
0

އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ހއ. އިހަވަންދޫގައި ބިނާކުރި އާ މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައި، ނަމާދުކުރަން ފަށައިފި އެވެ.

މިކަމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު، ވަޒީރު ވަނީ އެ މިސްކިތުގައި އިމާމުވެ މިއަދުގެ މަޣްރިބް ނަމާދު ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، އެއް ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތަކީ ޖުމްލަ 200 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ ތަނަވަސް މިސްކިތެކެވެ. މިއީ ހެޔޮ އެދޭ ފަރާތެއްގެ އަމިއްލަ ޚަރަދުގައި ބިނާކޮށްދެއްވި މިސްކިތެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން މުޅިން އާ 8 މިސްކިތެއް ހުޅުވުމުގެ އަމާޒުގައި އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ހުޅުވާފަ އެވެ. އިހަވަންދޫގައި މިއަދު ހުޅުވުނު މިސްކިތަކީ މި ސިލްސިލާގެ ދަށުން ހުޅުވުނު މިސްކިތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.