ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ 62 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ސީދާ ނުރައްކަލެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީއާއި ރޮބަރޓް ބޯޝް ޝްޓިފްޓުންގ ގުޅިގެން ބޭއްވި މި މުހިންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ އަސަރު މުޅި ދުނިޔެއަށް ކުރި ނަމަވެސް، ރާއްޖެ ފަދަ ޖަޒީރާ ކުދި ގައުމުތަކުން އުފުލަންޖެހޭ ތަކުލީފު ނިސްބަތުން މާ ބޮޑެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި މުޖުތަމައުގެ ދުޅަހެޔޮކަމުގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވާ މައިގަނޑު ސަބަބު ކަމަށެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަމިއްލައަށް އިސްނަގައިގެން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، މިނިސްޓަރު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި ނުރައްކާ ބޮޑު ގައުމުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޚަލީލް ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ