މެދުއިރުމަތީގެ އަސްކަރީ ބާރު ގަދަކޮށް، އެމެރިކާގެ ދެވަނަ މަނަވަރެއް ފޮނުވަނީ

މެދުއިރުމަތީގެ އަސްކަރީ ބާރު ގަދަކޮށް، އެމެރިކާގެ ދެވަނަ މަނަވަރެއް ފޮނުވަނީ

Author
އަހުމަދު
14 ފެބްރުއަރީ 2026 02:12
0

އީރާނާއެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، މެދުއިރުމައްޗަށް މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރެއް ފޮނުއްވަން ނިންމަވާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކެރީބިއަން ސަރަޙައްދުގައި މިވަގުތު އޮތް "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" މަނަވަރު ވަރަށް އަވަހަށް މެދުއިރުމައްޗަށް ދަތުރު ފަށާނެ ކަމަށެވެ. މިއީ އީރާނުގެ ނިއުކްލިއާ އަދި ބެލެސްޓިކް މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އޮމާންގައި ކުރިއަށްދިޔަ ސިއްރު މަޝްވަރާތަކަށްފަހު އެމެރިކާއިން އެޅި ފިޔަވަޅެކެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ބޭނުންވެއްޖެ ހިނދެއްގައި ހަރަކާތްތެރިވުމަށްޓަކައި ވަރުގަދަ ލަޝްކަރެއް އަބަދުވެސް ތައްޔާރީ ޙާލަތުގައި އޮންނާނެއެވެ.

މި މަޝްވަރާތަކުން އެދެވޭ ހައްލެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވަމުން ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ. އެގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއީ އިރާނަށް "ހިތްދަތި ދުވަހަކަށް" ވާނެ ކަމަށާއި، އީރާނުގެ ވެރިކަން ބަދަލުވުމަކީ "ވެދާނެ އެންމެ ރަނގަޅު ގޮތް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އެމެރިކާއިން މީގެ ކުރިންވެސް ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި މަތިންދާބޯޓު އުފުލާ މަނަވަރު "އެބްރަހަމް ލިންކަން" އާއި، މިސައިލް ހަމަލާދޭ މަނަވަރުތަކުގެ އިތުރުން ހަނގުރާމަމަތީ ޖެޓުތަކާއި ޖާސޫސީ ބޯޓުތައް ފޮނުވާފައެވެ. އައު މަނަވަރާއެކު އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.