ރާއްޖޭގެ ޓޫރިސްޓް އެނދުގެ 98 އިންސައްތަ އޮޕަރޭޝަނުގައި: މިނިސްޓްރީ

ރާއްޖޭގެ ޓޫރިސްޓް އެނދުގެ 98 އިންސައްތަ އޮޕަރޭޝަނުގައި: މިނިސްޓްރީ

Author
އަލީ ރައޫފް
13 ފެބްރުއަރީ 2026 10:07
0

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެއިން ގާތްގަނޑަކަށް 98.4 އިންސައްތަ އެނދު މިހާރު އޮޕަރޭޝަނަށް ގެނެސް، ފަތުރުވެރިންނަށް ޚިދުމަތް ދެމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށް ބޭނުންކުރާ ޖުމްލަ އެނދުގެ އަދަދަކީ 68،095 އެވެ. މީގެ ތެރެއިން މިދިޔަ ހަފުތާގެ ނިޔަލަށް 67،009 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މި އަދަދުތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ގިނަ ފެސިލިޓީތައް މިވަގުތު ހުރީ ފުރިހަމައަށް ހިދުމަތް ދެވޭ ހާލަތުގައެވެ.

ވަކިވަކި ފެސިލިޓީތަކަށް ބަލާއިރު، އެންމެ ގިނަ އެނދު ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. ރާއްޖޭގައި ޖުމްލަ 186 ރިސޯޓު އޮތްއިރު އޭގެ ތެރެއިން 179 ރިސޯޓެއް ދަނީ ހިންގަމުންނެވެ. ރިސޯޓުތަކުގައި ޖުމްލަ 45،893 އެނދު ހުރިކަމަށް ރެކޯޑުތަކުން ދައްކައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ 911 ގެސްޓްހައުސްއެއްގައި 16،171 އެނދު ހުރިއިރު، މި ހުރިހާ ތަނެއްވެސް އޮޕަރޭޝަނުގައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު، ފަތުރުވެރިންނަށް ޚިދުމަތްދޭ 169 އުޅަނދާއި 16 ހޮޓާ ވެސް މިވަގުތު އޮޕަރޭޓް ކުރަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. ސަފާރީ އުޅަނދުތަކުގައި 3،433 އެނދު ހުރިއިރު، ހޮޓާތަކުގައި 2،598 އެނދު ހިމެނެއެވެ. މި ތަފާސްހިސާބުތަކުން އެނގިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.