ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގެ އާންމު މަރުކަޒުތަކުގައި ނިންމާލި ނަމަވެސް، މުލަ ރޯދަ ދުވަހާ ހަމައަށް މިފްކޯއިން އެ ހަދިޔާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މިކަމާ ގުޅޭގޮތުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މާލެ ސަރަހައްދުގައި ގާއިމުކުރި ވަގުތީ މަރުކަޒުތަކުން ކޭސް ދޫކުރުން ރޭގެ ނިޔަލަށް ނިންމާލާފައިވާ ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިފްކޯގެ މައި މަރުކަޒުން ރޯދަ މަސް ފެށެންދެން މަސްދަޅު ކޭސް ދޫކުރަމުން ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިފްކޯއިން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު ވެސް ރޭގަނޑު 08:30 އިން 11:00 އަށެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާލޭގެ 4 ސަރަހައްދަކާއި، ހުޅުމާލޭގެ 6 ތަނެއްގެ އިތުރުން ވިލިމާލޭ ވެމްކޯ ސައިޓުގައި ވަނީ މަސްދަޅު ބެހުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. މިހާރު އެ ތަންތަނުން ޚިދުމަތް މެދުކަނޑާލާފައިވާއިރު، ދެން ހަދިޔާ ބަލައި ދާންޖެހޭނީ ސީދާ މިފްކޯ މަރުކަޒަށެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއިން ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ 61،755 ގޭބިސީއާއި އަތޮޅުތެރޭގެ 56،918 ގޭބިސީ ހިމެނެއެވެ. އެހެންނަމަވެސް މިހާތަނަށް ހަދިޔާ ލިބުނު ގޭބިސީތަކުގެ ޖުމްލަ އަދަދު ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ