ޖަރުމަނުވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް މަތިކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) އާއި ޖަރުމަނުގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރު 'ޑާޓުއާ' އާ ދެމެދު މުހިންމު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި، ބާރލިންގައި ސޮއިކުރެވުނު މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އަދި ޑާޓުއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒަރއެވެ. މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ޖަރުމަނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކު 100,000 އަށްވުރެ ދަށްނުވާނެހެން ހިފަހައްޓައި، އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމެވެ.
މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ފުޅާ ދާއިރާއެއްގައި މާކެޓިންގ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޖަރުމަނު ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުޤުވެރިވާ ދުވަސްވަރުތަކާ ދިމާކޮށް ޚާއްޞަ ޕްރޮމޯޝަންތައް ހިންގުމާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެ އިޝްތިހާރުކުރުމުގެ ސްޓްރެޓެޖީތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޑާޓުއާގެ ފަންނީ ތަޖުރިބާގެ އަލީގައި ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މުހިންމު ތަފާސްހިސާބުތަކާއި މާކެޓް ޑޭޓާ ޙިއްސާކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ވިލާތުގެ ބާޒާރުގައި ރާއްޖޭގެ ޙިއްސާ އިތުރުކޮށް، ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ވަރުގަދަ އެއް ބައިވެރިޔާގެ ގޮތުގައި ދެމެހެއްޓުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ