މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހު ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ޒަކާތު ފަންޑުން 2.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އެ އިދާރާގެ ހިސާބުތައް ދައްކާގޮތުން ޑިސެންބަރު މަހު 185 ފަރާތަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިއީ ޖުމްލަ 2،127،779.53 ރުފިޔާއެވެ. އެ މަހު އަލަށް އެހީ ދިނުމަށް ނިންމީ 1.4 މިލިއަން ރުފިޔާ ކަމުގައި ވީނަމަވެސް، ޖުމްލަ އަދަދު އިތުރުވެފައިވަނީ އޭގެ ކުރިން އެހީ ހަމަޖެހިފައިވާ ފަރާތްތަކަށްވެސް ފައިސާ ދޫކޮށްފައިވާތީކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދެއެވެ.
ބޭސްފަރުވާގެ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެގޮތުން ކެންސަރަށް 301،075 ރުފިޔާ ހޭދަކޮށްފައިވާއިރު، ސިކުނޑީގެ ބަލިތަކަށް އެއް ލައްކައަށްވުރެ ގިނަ ރުފިޔާ އަދި ހިތާއި، ފުއްޕާމޭގެ އިތުރުން ކިޑްނީގެ ބަލިތަކަށްވެސް ބޮޑެތި އަދަދުތަކުން ވަނީ އެހީ ދީފައެވެ. މީގެ އިތުރުން ގުނަވަން ބަދަލުކުރުމަށާއި އެހެނިހެން ބަލިތަކުގެ ފަރުވާއަށްވެސް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ބޭސްފަރުވާގެ އިތުރުން، ފަޤީރުންނަށް ބޭނުންވާ ޒަރޫރީ އެހީގެ ގޮތުގައި 1.6 ލައްކަ ރުފިޔާ އަދި ފްލެޓުތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް 91،000 ރުފިޔާ އެ މަހު ދޫކޮށްފައިވެއެވެ. ހަމައެއާއެކު، ފީސަބީލިﷲ ގެ ގޮތުގައި ޤުރުއާން ހިތުދަސްކުރުމާއި ދީނީ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މަތީ ތަޢުލީމާއި ފޮތް ތަރުޖަމާކުރުން ފަދަ ކަންކަމަށްވެސް ޒަކާތު ފަންޑުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަކީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން އުފައްދައި، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހިންގަމުން އަންނަ އިދާރާއެކެވެ.
ކޮމެންޓު ފޮނުވާ