ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ދޫކުރާ "ރޯދަ ހަދިޔާ" މާލެ ސަރަހައްދުގައި މިވަގުތު ކަނޑައަޅާފައިވާ މަރުކަޒުތަކުން ދޫކުރުން މިމަހުގެ 11 ވަނަ ދުވަހު ނިންމާލުމަށްފަހު، ދެން ހަދިޔާ ދޫކުރަމުން ގެންދާނީ މިފްކޯ ފިހާރައިން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދޫކުރާ މަސްދަޅު ކޭސް، ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މިހާރު ކަނޑައަޅާފައިވާ ލޮކޭޝަންތަކުން ދޫކުރުން ކުރިއަށްދާނީ ފެބްރުއަރީ 11 ގެ ނިޔަލަށެވެ. އެހެންކަމުން އެ ތާރީޚުގެ ފަހުން ހަދިޔާ ނުނަގާ ހުރި ފަރާތްތަކުން ތަކެތި ހޯދުމަށް ދާންޖެހޭނީ މިފްކޯ ފިހާރައަށެވެ.
މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65،230 ޑޮމެސްޓިކް މީޓަރު ހުރިއިރު، ސަރުކާރުން ހަދިޔާ ދޫކުރަމުންދަނީ ކޮންމެ މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. ސިޓީތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ 53.5 އިންސައްތަ ގޭބިސީއަށް ވަނީ މަސްދަޅު ކޭސް ހަވާލުކޮށްފައެވެ. ޖަނަވަރީ 24 ވަނަ ދުވަހުގެ ރެއިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 20:30 އިން 23:00 އަށް ކުރިއަށްދާ މި މަސައްކަތުގައި އެންމެ ގިނަ ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކުންނެވެ.
މީގެ އިތުރުން ވަޒީރު ވަނީ އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ވެސް މިހާރު މަސްދަޅު ކޭސްތައް ފޮނުވާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރަށްރަށުގައި މަސްދަޅު ބެހުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލްތަކުންނެވެ. މި ބިޔަ ހަރަކާތަކީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ