ޗާގޯސް މައްސަލައިގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ދިވެހި ސިފައިން (އެމްއެންޑީއެފް) އިން ބަލަހައްޓަން ފެށީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ރުހުމާއެކު ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތާއި ޗާގޯސްގެ އެއްބަސްވުމަށް ތާއީދުކުރެއްވީ އެތަން މޮރިޝަސްއަށް ދިނުމަށް ނޫންކަމަށް ވެދާނެ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ޗާގޯސް މޮރިޝަސްއާ ހަވާލުނުކުރެވޭނެ ކަމަށާއި، ދިވެހިރާއްޖޭގެ ދައުވާއަށް ބަލަންޖެހޭނެ ކަމަށް އެމެރިކާއާއި އިނގިރޭސިން ބުނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެދަނީ ބޮޑެތި ބާރުތަކުގެ ރުހުމާއެކު ކަމަށް ވެދާނެކަމަށް ނަޝީދު ލަފާކުރެއްވިއެވެ.
ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ، ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އެ ނިންމެވުން ނިންމެވީ ބައިނަލްއަގުވާމީ މާހިރުންގެ ލަފާގެ މަތިން، އެ ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރަށް ނޭދެވޭ އަސަރުކުރާކަމަށް ފެންނާތީ ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސްގެ މި އިއުލާނާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށް ސިފައިންގެ ގާބިލިއްޔަތު ތަންދިން އެންމެ ފުޅާ މިނެއްގައި މަސައްކަތްކުރާނެ ކަމަށެވެ. ރާއްޖޭގެ އުތުރުން 1976 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ފިޔަވައި، ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް އެހެން އެއްބަސްވުމެއް އެއްވެސް ފަރާތަކާއެކު ހެދިފައި ނެތުމުން، އެނޫން ހުރިހާ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލު ރާއްޖޭގެ ބައިގެ ގޮތުގައި ބަލައިގެން އެ ސަރަހައްދު ހިމާޔަތްކުރުމަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަމުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ