ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކޮންގްރެސްއިން ކުރިއަށްގެންދާ ފުޅާ ތަހުގީގަށް އެއްބާރުލުން ދެއްވައި، ބަޔާން ދެއްވުމަށް އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އެއްބަސްވެވަޑައިގެންފިއެވެ. މި ނިންމެވުމަކީ ކޮންގްރެސްގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އެ ދެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން ދަނިކޮށް ނިންމެވި ނިންމެވުމެކެވެ.
ކްލިންޓަންގެ ދެކަނބަލުންގެ މި ނިންމެވުމާއެކު، ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން އެ ބޭފުޅުންނާ ދެކޮޅަށް ނަގަން ތައްޔާރުވަމުންދިޔަ ވޯޓު މަޑުޖެހިގެންދާނެ ކަމަށް މަޖިލީހުގެ އިސް އޮފިޝަލަކު ވަނީ ހާމަކުރައްވާފައެވެ. އެ ވޯޓު ނަގައިފި ނަމަ، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ގާނޫނީ މަގު ފަހިވެގެންދާނެއެވެ. މީގެ ކުރިން ބަޔާން ދެއްވަން ދެކޮޅު ހެއްދެވުމާ ގުޅިގެން، ހައުސް އޯވަސައިޓް ކޮމިޓީން ވަނީ ފިޔަވަޅު އެޅުމަށް މިދިޔަ ހަފުތާގައި ލަފާވެސް ދީފައެވެ. އޭރު ކްލިންޓަން ވިދާޅުވަމުން ގެންދެވީ މި ތަހުގީގަކީ ސިޔާސީ ނުފޫޒު ވަދެފައިވާ، އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ދިފާއުކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މައިކް ޖޯންސަން ވިދާޅުވީ، ކްލިންޓަން ބަޔާން ދެއްވުމަށް އެއްބަސްވެވަޑައިގަތުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، މިހާރު ކުރިއަށްދަނީ މިކަމާ ގުޅޭ ގާނޫނީ ތަފްސީލުތައް ބެލުމުގެ މަރުހަލާ ކަމަށެވެ. ނަމަވެސް، އޯވަސައިޓް ކޮމިޓީގެ މުގައްރިރު ޖޭމްސް ކޯމާ ހުންނެވީ މުޅިން ހިތްހަމަޖެހިވަޑައިގެންނެއް ނޫނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ބަޔާން ދެއްވާނެ ވަކި ތާރީހެއް އަދިވެސް ކްލިންޓަންގެ ފަރާތްޕުޅުން ހާމަކުރައްވާފައެއް ނުވެއެވެ.
މި ތަހުގީގު ފެށިގެން އައީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓީންއާ ގުޅޭ އެތައް މިލިއަން ލިޔެކިޔުންތަކެއް އާންމުކުރުމާ ގުޅިގެންނެވެ. މި ލިޔެކިޔުންތަކުން އެޕްސްޓީން އާއި ދުނިޔޭގެ ނުފޫޒު ގަދަ އެތައް ބޭފުޅުންނާ އޮތް ގުޅުންތައް ވަނީ ފަޅާއަރާފައެވެ. ބިލް ކްލިންޓަން މީގެ ކުރިން ވަނީ 2000 ގެ ކުރީކޮޅު އެޕްސްޓީންގެ މަތިންދާބޯޓުގައި ދަތުރުކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް، އެޕްސްޓީން ހިންގާފައިވާ ޖިނާއީ އަމަލުތަކުގެ އެއްވެސް މައުލޫމާތެއް އޭރު އެނގިވަޑައިނުގަންނަވާ ކަމަށާއި، އޭނާއާ ގުޅުން ބޭއްވުނީތީ ހިތާމަކުރައްވާ ކަމަށް ކްލިންޓަން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ