ކައުންސިލް އިންތިހާބުގައި އީފާސް ލާޒިމުކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ކައުންސިލް އިންތިހާބުގައި އީފާސް ލާޒިމުކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

Author
ޙަސަން މުޙައްމަދު
03 ފެބްރުއަރީ 2026 10:43
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށާއި، އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން ތާއީދު އޮތްކަން ހާމަކުރުމަށް "އީފާސް" ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ލާޒިމުކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން، އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފެވެ.

މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ، އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ފީ ދެއްކުން އީފާސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ޝަރުތުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދައުވާކުރާ ފަރާތުން ބުނި ނަމަވެސް، އެކަން ގާނޫނާ ހިލާފުވާ ގޮތް ގާނޫނީ ހަމަތަކުގެ މަތިން ސާފުކޮށްދީފައި ނުވާތީ އެވެ. ޕީއެންއެފްއިން ކޯޓުގައި އެދިފައިވަނީ، އަމިއްލަ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުންގެ ތާއީދު ފޯމު އީފާސް މެދުވެރިކޮށް ފުރަންޖެހޭ ގޮތަށް އޮތް އޮތުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި ކައުންސިލް އިންތިހާބުގެ ގާނޫނާ ތައާރުޒުވާ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ޕާޓީން ދެކޭ ގޮތުގައި އީފާސްއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެދުގައި އާންމުވެފައިވާ ނިޒާމަކަށް ނުވާއިރު، އިންތިހާބީ ހައްގުތައް ބޭނުންކުރުމުގައި ވަކި ޑިޖިޓަލް ނިޒާމެއް ލާޒިމުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަހަރުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މުޅިން އާ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ކުރީގެ އިންތިހާބުތަކެކޭ އެއްގޮތަށް ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި، ކެންޑިޑޭޓުންގެ ހުރިހާ މުއާމަލާތެއް ކުރަން ޖެހެނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެންނެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ އާދިއްތަ ދުވަހަށް ހަމަވިއިރު، ކޯޓުން މި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާގެ މި ނިންމުމާއެކު، އީސީން ކަނޑައަޅާފައިވާ ޑިޖިޓަލް ނިޒާމާ އެއްގޮތަށް އިންތިހާބުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.