ޖިންސީ ގޯނާގެ ތުހުމަތާއެކު ރާއްޖެ ދޫކޮށްދިޔަ ހިޝާނަށް އަޔަލޭންޑުން ހިމާޔަތް ދީފި

ޖިންސީ ގޯނާގެ ތުހުމަތާއެކު ރާއްޖެ ދޫކޮށްދިޔަ ހިޝާނަށް އަޔަލޭންޑުން ހިމާޔަތް ދީފި

Author
ޙަސަން މުޙައްމަދު
01 ފެބްރުއަރީ 2026 10:30
0

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އެޅިފައިވަނިކޮށް، އަމިއްލައަށް ރާއްޖެ ދޫކޮށް ގޮސް ހުރި މަޝްހޫރު އިޖްތިމާއީ ޚިދުމަތްތެރިޔާ ހިޝާން އަހުމަދަށް އަޔަލޭންޑް ސަރުކާރުން ހިމާޔަތް ދީފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ހައްގުގައި ވަކާލާތުކޮށް، އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމުވެސް ހާސިލުކޮށްފައިވާ ހިޝާންގެ މައްޗަށް މި ތުހުމަތުތައް ފެންމަތިވީ މީގެ ހަތް އަހަރު ކުރިން، އޭނާ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ މަގާމުގައި ހުއްޓައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހާޒިރުކޮށް ބަޔާން ނަގައި، އެމްބެސެޑަރުކަމުގެ މަގާމު ވެސް އަތުލި ނަމަވެސް، ހިޝާން ގެންދިޔައީ އަބަދުވެސް އެކަމަށް އިންކާރު ކުރަމުންނެވެ. މައްސަލަ ޖެހުނުތާ އަހަރެއްހާ ދުވަސް ފަހުން ތުރުކީއަށް ދިރިއުޅުން ބަދަލުކުރި ހިޝާން އަޔަލޭންޑުގެ ހިމާޔަތަށް އެދުނީ، ދިވެހި ފުލުހުން އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ރާއްޖޭގައި ހުރެއްޖެނަމަ ފުރާނައަށް ނުރައްކާ އޮތްކަމަށް ބުނެއެވެ. މިދިޔަ މަހުގެ ފަހުކޮޅު އަޔަލޭންޑް ސަރުކާރުން އޭނާގެ ހުށަހެޅުން ގަބޫލުކުރީ، ކުރެވޭ ތުހުމަތުތަކަށް މިހާތަނަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވުމާއި، ކުށް ސާބިތުވެފައި ނުވުމުގެ އިތުރުން، އެ ތުހުމަތުތަކާ ގުޅިގެން ރާއްޖޭގައި އޭނާއަށް އިންސާފާއި ރައްކާތެރިކަން ލިބިފައި ނުވާތީ ކަމަށް ހިޝާން ވަނީ ހާމަކޮށްފައެވެ.

ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ހިޝާން ރާއްޖެ އައިސްފައިވަނީ ހަމައެކަނި މިދިޔަ އަހަރުއެވެ. އެ ދަތުރުގައި ފޮށިތަކާއެކު ސީދާ ފުލުސް އޮފީހަށް ގޮސް، އޭގެ އަނެއް ދުވަހު އޭނާ ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އޭނާ ބުނާ ގޮތުގައި އެ ދައުވާ އުފުލީ، ފުލުހުން ކުރި "ދޮގު" ތުހުމަތުތަކުގެ ސަބަބުން ދަތުރުކުރުމާއި ވަޒީފާ އަދާކުރުމުގެ ހައްގު ފަދަ އަސާސީ ހައްގުތަކުން މަހުރޫމްވެ، މުދާ ހިފަހައްޓާފައިވާތީ، އެފަދަ "ސްޓޭޓް ސްޕޮންސާޑް ކްރައިމް" ތައް ހުއްޓުވުމަށެވެ.

ވެލާނާ ބިލްޑިންގ ކައިރީގައި އަތުން ބޯޑު ހިފަހައްޓައިގެން ހިމޭން އިހުތިޖާޖުތައް ކޮށްގެން އާންމުންގެ ސަމާލުކަން ހޯދި ހިޝާން، ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު މާގިނަ ދުވަހު ރާއްޖޭގައި މަޑުނުކޮށް ވަނީ އަނބުރާ ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.