"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ގުރުއަތުލުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ގޯތިތަކުގެ ސަރަޙައްދަށް އައި ބަދަލުތަކާއެކު އައު ލޮޓު ނަންބަރުތައް ކަނޑައެޅުމަށް ބޭއްވި މި ހަރަކާތް ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. މެދުކެނޑުމެއްނެތި 14 ގަޑިއިރަށް ދެމިގެންދިޔަ މި މަސައްކަތް އެއްކޮށް ނިންމާލެވުނީ ރޭ މެންދަމު 2:00 ހާއިރުއެވެ. މި ގުރުއަތުލުމުގައި ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓް ނަންބަރު ކަނޑައެޅުމާއެކު، އެ ވަގުތުން ވަގުތަށް އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތްތަކަށް މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބުރުގައި އެކި ސައިޒުގެ ޖުމްލަ 4072 ގޯތި ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 1250 އަކަފޫޓުގެ ގޯތި ކަމަށްވާއިރު، އެ ސައިޒުގެ 2605 ގޯތި ހިމެނެއެވެ. މީގެ އިތުރުން 1650 އަކަފޫޓުގެ 1213 ގޯތި، 2050 އަކަފޫޓުގެ 253 ގޯތި އަދި 2450 އަކަފޫޓުގެ އެއް ގޯތި ހިމެނެއެވެ. މިއީ ކުރިން އުނިވި 610 ގޯތި ވެސް ހިމަނައިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ.
ސަރުކާރުން މިހާރު ވަނީ ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަޝްރޫއުގެ ދަށުން 113 ހެކްޓަރުގެ ބިން އިތުރުކޮށް، އަމަލީ މަސައްކަތް ފަށާފައެވެ. މިނިސްޓްރީން ވިދާޅުވީ، ގޯތިތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުންތަކާ ގުޅޭ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށާއި، ބިން ހިއްކާ ނިމުމުން ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ