ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތިތަކުގެ ޕްލޮޓް އަލުން ކަނޑައެޅުމަށްޓަކައި ކުރިއަށްގެންދާ ގުރުއަތުނެގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ހައުސިންގ މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތް އޮތީ ސޯޝަލް ސެންޓަރުގައެވެ.
މި ގުރުއަތުނެގުމުގެ ކަންކަން ތަރުތީބު ކުރެވިފައިވަނީ ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް ޙާޒިރުވެވޭނެ އިންތިޒާމެއްގެ ދަށުންނެވެ. މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ގުރުއަތު ނެގުމާއެކު އެ ފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު ވަގުތުން އެސް.އެމް.އެސް މެދުވެރިކޮށް ލިބިގެންދާނެއެވެ. ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ ތަފާތު އެކި ސައިޒުތަކުގެ ގޯތިތަކެވެ. އޭގެ ތެރޭގައި 1,250 އަކަފޫޓުގެ 2,605 ޕްލޮޓާއި، 1,650 އަކަފޫޓުގެ 1,213 ޕްލޮޓް ހިމެނެއެވެ. މީގެ އިތުރުން 2,050 އަކަފޫޓުގެ 253 ޕްލޮޓާއި 2,450 އަކަފޫޓުގެ އެއް ޕްލޮޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
ގޯތިތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާއިރު، ގިރާވަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ބާރަށް ކުރިއަށް ގެންދަން ފަށާފައެވެ. މެދުކެނޑުމަކަށްފަހު އިއްޔެ އަލުން މި މަސައްކަތް ފަށާފައިވަނީ، ބިން ހިއްކުމަށް ރާއްޖެ ގެނެސްފައިވާ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން "ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ އޮރަންޖީ" ބޭނުންކޮށްގެންނެވެ. މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މަޝްރޫޢުގެ ފުރަތަމަ ފިޔަވަހިން 12 ހެކްޓަރު، ދެވަނަ ފިޔަވަހިން 18 ހެކްޓަރު އަދި ތިންވަނަ ފިޔަވަހީގެ ބައިން 26 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައެވެ. އަދި އިތުރަށް 113 ހެކްޓަރުގެ ބިން އެ ފަޅުން ހިއްކުމަށް ވަނީ ރާވާފައެވެ.
ގުރުއަތުލުމުގެ މަރުޙަލާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ ހެދުމާއި އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީޚެއްގައި ހިއްސާކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ