މިދިޔަ ޑިސެމްބަރު މަހު ފެމިލީ ކޯޓުން 227 ކައިވެނިކޮށްދިންއިރު 137 ވަރި

މިދިޔަ ޑިސެމްބަރު މަހު ފެމިލީ ކޯޓުން 227 ކައިވެނިކޮށްދިންއިރު 137 ވަރި

Author
އަހުމަދު
30 ޖެނުއަރީ 2026 10:16
0

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގެ ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހު ކުރެވުނު ކައިވެނީގެ އަދަދު ވަރީގެ އަދަދަށްވުރެ އިތުރުކަން ހާމަވެއްޖެއެވެ.

ފެމިލީ ކޯޓުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ވަނީ 227 ކައިވެނި ކޮށްދީފައެވެ. މިއާ ޚިލާފަށް އެ މުއްދަތުގެ ތެރޭގައި ކޯޓުން ކޮށްދީފައިވަނީ 137 ވަރިއެވެ. ވަރީގެ މައްސަލަތައް ހިނގާފައިވާ ގޮތަށް ބަލާއިރު، ޑިސެމްބަރު މަހު އަލަށް 163 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާއެކު ޖުމްލަ 176 މައްސަލައެއް އެމަހު ވަނީ ނިންމާފައެވެ. ނަމަވެސް، މަސް ނިމުނުއިރު ވަރިއާ ގުޅުންހުރި 173 މައްސަލައެއް ނުނިމި ކޯޓުގައި އޮތްކަމަށް ރެކޯޑުތަކުން ދައްކައެވެ. މީގެ ތެރޭގައި ނޮވެމްބަރު މަހުން ފެށިގެން ބަލަމުން އަންނަ 186 މައްސަލައެއްވެސް ހިމެނެއެވެ.

ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ އަންހެންމީހާ ވަރިވާން އެދި ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން ވަރިވުމަށް އެދި 79 މައްސަލައެއް ހުށަހަޅާފައިވާއިރު، ފިރިމީހާ ވަރިކުރުމަށް އެދި ހުށަހަޅާފައިވަނީ 35 މައްސަލައެވެ. މީގެ އިތުރުން ވަރި ސާބިތުކުރުމަށް 47 މައްސަލައެއް ހުށަހަޅާފައިވާއިރު، ވަރިއާމެދު ޝައްކު އުފެދިގެން ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ.

ކައިވެަނީގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި މުހިންމު މައްސަލަތަކެއްވެސް ކޯޓުން ވަނީ ބަލާފައެވެ. އޭގެ ތެރޭގައި ހަޟާނާތުގެ 6 މައްސަލައެއް ޑިސެމްބަރު މަހު ހުށަހެޅުނުއިރު، ނޮވެމްބަރު މަހުގެ ބާކީގެ ގޮތުގައި 19 މައްސަލައެއް ދަނީ ބަލަމުންނެވެ. އަދި ކުއްޖާ ހުންނަން ބޭނުންވާ ފަރާތެއް ކަނޑައެޅުމަށް އެދި 4 މައްސަލައެއް ހުށަހެޅި، އޭގެ ތެރެއިން 2 މައްސަލައެއް ވަނީ ނިންމާފައެވެ. މި ބާވަތުގެ 14 މައްސަލައެއް އަދިވެސް ކޯޓުގައި ހިނގަމުންދެއެވެ. ހަމައެއާއެކު، ދަރިން ނުދެއްކުމުގެ ޝަކުވާގެ އެއް މައްސަލަ މިދިޔަ މަހު ހުށަހެޅިއިރު، ކުރިން ހުށަހަޅާފައިވާ މި ބާވަތުގެ 3 މައްސަލައެއް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.