ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު، ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ރަސްމީކޮށް އަލުން ފަށައިފިއެވެ. މިއީ ފާއިތުވި 14 އަހަރު ދުވަހުގެ ތެރޭގައި މި ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ބޭއްވުނު ފުރަތަމަ ފަހަރެވެ. މި ދަތުރުތައް އަލުން ފެށިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ބަދަހިވެ، އާ ހަރުފަތަކަށް ގޮސްފައިވާ ކަމުގެ ރަމްޒެއް ކަމުގައި އޮފިޝަލުން ސިފަކުރައްވައެވެ.
2012 ވަނަ އަހަރުން ފެށިގެން ސީދާ ދަތުރުތައް ހުއްޓިފައި އޮތުމުގެ ސަބަބުން، މިހާތަނަށް ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރަމުން އައީ ގަލްފްގެ ޤައުމުތައް މެދުވެރިކޮށް، ޓްރާންސިޓް ފްލައިޓްތަކުގައެވެ. ނަމަވެސް އިއްޔެއިން ފެށިގެން ސީދާ ދަތުރުތައް ފެށުމާއެކު ދަތުރުވެރިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
މި އައު ފެށުމުގެ ދަށުން، އިއްޔެ ވަނީ ބަންގްލަދޭޝްގެ ޤައުމީ އެއާލައިން، 'ބިމަން ބަންގްލަދޭޝް' ގެ ފުރަތަމަ ފްލައިޓް ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކޮށްފައެވެ. ތާރީޚީ މި ދަތުރުގައި 150 ފަސިންޖަރުން ބައިވެރިވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ކުރިއަށް އޮތް ތަނުގައި މި ރޫޓުން ކޮންމެ ދުވަހަކުވެސް ދެ ފްލައިޓް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި މިހާރު އެއާލައިންތަކުން މި ސެކްޓަރގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، މިއީ ސަރަޙައްދީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ