ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ދިން ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގައި އެހީތެރިވިކަމުގެ ތުހުމަތު ކުރެވޭ މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފިއެވެ. އެފްއޭއެމްގެ ފައިނޭންޝަލް ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އަގީލް ހައްޔަރުކޮށްފައިވަނީ، ޝަރީއަތަށް ފިލައިގެން ބެންކޮކްގައި ދިރިއުޅެމުން ދަނިކޮށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭނާ ހައްޔަރުކުރުމާ ގުޅޭ އިތުރު ތަފްސީލެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުން އަގީލްގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންއަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަމިން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށާއި، ފީފާއިން ލިބުނު ފައިސާ ލޯންޑާކުރުމުގައި ބައްސާމަށް މަގުފަހިކޮށްދީ އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. މި މައްސަލައިގެ ޝަރީއަތަށް އަގީލް ހާޒިރުނުވުމުގެ ސަބަބުން، އޭނާގެ ބައިގެ އަޑުއެހުންތައް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ. އަދި އޭނާ ކޯޓަށް ހާޒިރު ނުވާތީ، ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމުރެއް ވެސް ނެރެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މައްސަލައިގެ މައި ތުހުމަތު ކުރެވޭ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށް ޝަރީއަތަށް ސާބިތުވެ، އޭނާ މިހާރު ވެސް ގެންދަވަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަގީލް ހައްޔަރުކުރުމާ އެކު، މެދުކެނޑިފައިވާ އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް އަލުން ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ