5 ދުވަހުން 19،000 އަށްވުރެ ގިނަ މަސް ކޭސް ދޫކޮށްފި

5 ދުވަހުން 19،000 އަށްވުރެ ގިނަ މަސް ކޭސް ދޫކޮށްފި

Author
ޙަސަން މުޙައްމަދު
29 ޖެނުއަރީ 2026 09:27
0

މިދިޔަ އަހަރުތަކާ އަޅާބަލާއިރު، މިއަހަރު ސަރުކާރުން ދޫކުރާ ރޯދަ ހަދިޔާ ނުވަތަ މަސްދަޅުކޭސް ދޫކުރުމުގެ އިންތިޒާމްތައް މާ ފުރިހަމަވެފައި، މަސައްކަތް ކުރިއަށްދާ ސްޕީޑް އަވަސްކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ހާމަކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ފެށި މި މަސައްކަތް، މާލޭ ސަރަހައްދުގައި ވަރަށް އޮމާންކަމާއެކު ކުރިއަށްދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މި ކަމާ ގުޅޭގޮތުން ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މާލޭގައި މަސްދަޅު ބަހަން ފެށިފަހުން ވޭތުވެދިޔަ އެންމެ 5 ދުވަހުގެ ތެރޭގައި 19،468 ގޭބިސީއަކަށް މަސްދަޅުކޭސް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. މިއީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ އެންމެ ބޮޑު ތަފާތަކީ އާންމުން ކިއުގައި ޖެހިގެން ގިނައިރު ތިބެން ނުޖެހުމެވެ. "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ފަސޭހައިން ޓޯކަން ނަގައިގެން ޚިދުމަތް ހޯދޭނެ އިންތިޒާމް ހަމަޖައްސާފައިވުމުން، އެކަމުގެ ފަސޭހަކަން އާންމުން އަންނަނީ ފާހަގަކުރަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މަސްދަޅުކޭސް ހޯދުމަށް މިފަހަރު ހޭދަވަނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.

މި ޚިދުމަތް ދިނުމަށްޓަކައި ގްރޭޓާ މާލެ ސަރަހައްދުގައި ޖުމްލަ 15 މަރުކަޒެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ 8 ސަރަހައްދަކާއި، ހުޅުމާލޭގެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ ސަރަހައްދެއް ހިމެނެއެވެ. މަސްދަޅު ދޫކުރުން ކުރިއަށްދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. ސަރުކާރުގެ މި ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.