މާލޭގައި ހިންގަމުން އަންނަ ބޯކޮށާ ސެލޫނަކަށް ވަދެ ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ޖަހައިފިއެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ އަންހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތެވެ.
މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށެވެ. އެގޮތުން ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ މީހުން ސެލޫންގެ ދޮރު ހަލާކުކޮށްލައިގެން ނުވަތަ ފޭކޮށްގެން ވަންނަން އުޅުނު ކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. އަދި އެ މީހުން ދުއްވި އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު، ދޮރު ހަލާކުކޮށްލުމަށް ބޭނުންކުރި ކަމަށް ޝައްކުކުރެވޭ ފުށްކަށްޓެއް އެ އުޅަނދުގެ ތެރެއިން ފެނިފައިވާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ވައްކަމުގެ މައްސަލަތައް އާންމުވެފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 272 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ނިމިދިޔަ އަހަރު ހުށަހެޅުނު 12،096 މައްސަލައިގެ ތެރެއިން 3،478 މައްސަލައަކީ ވައްކަމުގެ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ