މާލޭގައި އުޅެމުންދިޔަ ދިވެހި ފިރިހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. މި މައްސަލައިގައި ހޯދަމުން ދަނީ ސ. ހިތަދޫއަށް އުފަން، އުމުރުން 34 އަހަރުގެ އިބްރާހިމް އަހުސަން އަލީއެވެ.
އަހުސަންގެ އާއިލާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާއަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އަންނަ ޒުވާނެކެވެ. އޭނާ މާލެ އައިސްފައިވަނީ މަންމަ ބަލިވެގެން ކަމަށާއި، މިއަދަކީ އޭނާ އެނބުރި ވަޒީފާއަށް ނުކުތުމަށް ރިސޯޓަށް ފުރަން ހަމަޖެހިފައިވާ ދުވަސް ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ފުރަން ހަމަޖެހިފައިވާ ވަގުތު ޖެހުނުއިރުވެސް އޭނާގެ ޚަބަރެއް ނުވެ ގެއްލިފައިވާތީ އާއިލާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަހުސަން އެންމެ ފަހުން ފެނިފައިވަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމް (އީއާރު) ސަރަހައްދުންނެވެ. އޭރު އޭނާ ލައިގެން ހުރީ ފެހި ކުލައަށްދާ ޓީޝާޓަކާއި މުށި ކުލައިގެ ޖޮގާ ވައްތަރުގެ ފަޓުލޫނެކެވެ. އާއިލާއިން ފާހަގަކުރާ ގޮތުގައި އަހުސަން އަކީ ރަނގަޅު ވަޒީފާއެއްގައި ހުރި މީހެކެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ވީމާ، އަހުސަން އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި އާއިލާގެ ނަންބަރުތައް ކަމަށްވާ 9401012، 7795505، 9501113، 9411012 ނުވަތަ 7721541 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އާއިލާއިން އެދެއެވެ.
ކޮމެންޓު ފޮނުވާ