އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކޮށްފި: ރާއްޖެއިން އެދެނީ ގުޅުން އިތުރަށް ބަދަހިކުރަން

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކޮށްފި: ރާއްޖެއިން އެދެނީ ގުޅުން އިތުރަށް ބަދަހިކުރަން

Author
ޙަސަން މުޙައްމަދު
26 ޖެނުއަރީ 2026 10:31
0

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ރާއްޖޭގައި ހުންނަ އެ ޤައުމުގެ ހައިކޮމިޝަނުން ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއަން ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިންޑިއާގެ ދިދަ ނަންގަވައިދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަމްއެވެ. މި ރަސްމިއްޔާތުގައި ސަފީރު ވަނީ އެތަނަށް ޙާޒިރުވެ ތިއްބެވި މެހެމާނުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ޤައުމީ ލަވަތައް ހުށަހެޅުން، މި ހަފްލާގެ ތެރެއިން ކުރިއަށް ގޮސްފައިވެއެވެ.

މީގެއިތުރުން، ޖުމްހޫރީ ދުވަހާ ގުޅުވައިގެން ހައި ކޮމިޝަނުން ވަނީ އިންޑިއާގެ ތަރައްޤީގެ ދަތުރާއި އެ ޤައުމުގެ ސަޤާފީ ރޫޙު ދައްކުވައިދޭ ޚާއްޞަ މައުރަޒެއް ވެސް ބާއްވާފައެވެ. މި މައުރަޒުގައި އިންޑިއާގެ ތާރީޚާއި ތަރައްޤީގެ މުހިންމު މަންޒަރުތައް ދައްކުވައިދީފައިވެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ޝްރީމަތީ ދްރައުޕަދީ މުރްމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ވެސް އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓުގައި، އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހަކީ މިނިވަންކަމާއި، ޑިމޮކްރަސީއާއި، ހިންގުން ހަރުދަނާކުރުމަށް ރައްޔިތުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އެދެނީ ދެ ޤައުމު ގުޅިގެން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް މަސައްކަތްކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.