ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

Author
އައިޝަތު އަޙްމަދު
26 ޖެނުއަރީ 2026 10:09
0

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން 1.8 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ. މިއީ ހިނގަމުން މިދާ އަހަރުގެ ތެރޭގައި ސަރުކާރުން ޓީ-ބިލް ވިއްކުމަށް ހުޅުވާލި ދެވަނަ ފަހަރެވެ.

މި ފަހަރު ވިއްކުމަށް ހަމަޖެހިފައިވާ ޓީ-ބިލްތަކުގެ ތަފްސީލަށް ބަލާއިރު، އެކި މުއްދަތުތަކަށް ބަހާލައިގެން ހަތަރު ވައްތަރެއްގެ ޓީ-ބިލް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށް ދޫކުރާ 350 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، މޭ މަހުގެ 4 ވަނަ ދުވަހަށް މުއްދަތު ހަމަވާ 31 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ. މީގެ އިތުރުން، ޖުލައި މަހުގެ 27 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް 245 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، އަންނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހަށް މުއްދަތު ހަމަވާ 1.25 ބިލިއަން ރުފިޔާގެ ޓީ-ބިލެއް ވެސް ވިއްކުމަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ވިއްކާ މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ. އާންމު ގޮތެއްގައި ސަރުކާރުން ދޫކުރާ މިފަދަ ސެކިއުރިޓީޒް ގަންނަނީ ޕެންޝަން ފަންޑާއި، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. އަދި މީގެ އިތުރުން އަމިއްލަ بەئެއް ވިޔަފާރި ކުންފުނިތަކުން ވެސް ޓީ-ބިލް ގަނެއެވެ.

ޓީ-ބިލަކީ ސަރުކާރުގެ ސެކިއުރިޓީޒްތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަށް ނަގާ ދަރަންޏެކެވެ. ދިވެހި ރުފިޔާއިން ވިއްކާ މި ޓީ-ބިލްތަކަކީ ޑިސްކައުންޓް އަގެއްގައި ވިއްކުމަށްފަހު، މުއްދަތު ހަމަވުމުން އޭގެ ފޭސް ވެލިއު ނުވަތަ މޫނުމަތީ އަގު އަދާކުރާ ގޮތަށް ދޫކުރާ މާލީ އިންސްޓްރޫމެންޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.