ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޓީޗަރަކަށް 60 އަހަރުގެ ޖަލު ޙުކުމެއް އަތުވެދާނެ ދަޢުވާތަކެއް ކޮށްފި

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޓީޗަރަކަށް 60 އަހަރުގެ ޖަލު ޙުކުމެއް އަތުވެދާނެ ދަޢުވާތަކެއް ކޮށްފި

Author
އަލީ ރައޫފް
25 ޖެނުއަރީ 2026 06:09
0

މ. އަތޮޅު މަދަރުސާގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، އެ ސްކޫލުގެ ޓީޗަރެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބޮޑެތި ދަޢުވާތަކެއް އުފުލައި، މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ދަޢުވާ ލިބެނީ މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށެވެ. އޭނާއަކީ އެ މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފަރާތެކެވެ.

މި ހިނގާ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި ޝުޢައިބުގެ މައްޗަށް ޖުމްލަ ފަސް ދަޢުވާއެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ދެ ދަޢުވާއަކާއި، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުމުގެ ދެ ދަޢުވާއެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ދަޢުވާތައް އުފުލާފައިވަނީ، ޝުޢައިބު ކިޔަވައިދޭ ދެ ދަރިވަރަކަށް ޖިންސީ ނިޔަތެއް އޮވެގެން އަތްލައި، އަދި އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާކަމަށް ތުހުމަތުކުރެވޭތީއެވެ. އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ދަރިވަރުންނަށް މިފަދަ ޢަމަލުތަކެއް ހިންގުމަކީ ޤާނޫނީ ގޮތުން ނުހަނު ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ.

މި މައްސަލައިގެ ޝަރީޢަތް ނިމި، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް މި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް އަންނާނެ ޖަލު ޙުކުމުގެ މުއްދަތު 60 އަހަރަށްވުރެ ދިގުވާނެއެވެ. އެގޮތުން ޖިންސީ ޢަމަލު ހިންގުމުގެ ކޮންމެ ދަޢުވާއަކަށް 15 އަހަރާއި 18 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް ކަނޑައެޅިގެންދާއިރު، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށަށް އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް އަންނާނެކަމަށް ބެލެވެއެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް އޭނާއަށް ލިބުމުގެ ފުރުޞަތު އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.